ވިޔަފާރި / ޚަބަރު

އެއަރ ކާގޯ ޗައިނާ 2026 މައުރަޒުގައި އެމްއޭސީއެލްގެ ކާގޯ ޚިދުމަތްތައް ދުނިޔެއަށް ދައްކާލައިފި

އެއަރ ކާގޯ ޗައިނާ 2026 މައުރަޒުގައި އެމްއޭސީއެލްގެ ކާގޯ ޚިދުމަތްތައް ދުނިޔެއަށް ދައްކާލައިފި

އެއަރ ކާގޯ ޗައިނާ 2026 މައުރަޒު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 06:30

21 ޖުލައި 2026، 06:30

ޗައިނާގެ ޝަންހާއީގައި ބޭއްވި ބައިނަލްއަގުވާމީ "އެއަރ ކާގޯ ޗައިނާ 2026" މައުރަޒުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ކާގޯ ޚިދުމަތްތަކަށް ލިބެމުންދާ ބޮޑެތި ކުރިއެރުންތައް ދައްކާލައިފިއެވެ.

20 ޖުލައި 2026 ގައި ބޭއްވުނު މި މައުރަޒަކީ އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވީއައިއޭއަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ދުނިޔޭގެ މާކެޓަށް މަޢުލޫމާތު ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. މި ފެއަރގެ ހަވާސާގައި އެމްއޭސީއެލްއިން ވަނީ ދުނިޔޭގެ އެކި އެއަރލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، ވީއައިއޭއާއި އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކޮށް، ޔޫރަޕް، އުތުރު އެމެރިކާ އަދި ސީ.އައި.އެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވީއައިއޭއަކީ މިހާރު ސަރަހައްދީ ފެންވަރުގައި އިތުބާރު ހުރި ކާގޯ މަރުކަޒެކެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ޚާއްޞަކޮށް ފްރައިޓަރ އޮޕަރޭޝަންތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 174 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، 12 ޖުލައި 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، ވީއައިއޭގެ ތާރީޚުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރެއިން ދެވަނަ ލިބެނީ ޗައިނާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި ސްރީލަންކާ އޮތްއިރު، ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ. އެއީ ގާތްގަނޑަކަށް 1,618 ޓަނުގެ މުދަލެވެ.

ވީއައިއޭގެ ކާގޯ ދާއިރާ ކުރިއެރުވުމުގައި 2024 ވަނަ އަހަރު ތައާރަފްކުރި "ސީ-ޓޫ-އެއަރ"  ޚިދުމަތް ބޮޑު ދައުރެއް އަދާކުރެއެވެ. މި ޚިދުމަތް ފެށި ފަހުން 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.

އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި 2026 އަދި 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެއެވެ. މިއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ލޮޖިސްޓިކްސް ހަބަކަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450