Ads by Farudhun

ޚަބަރު

"ވޯލްޑް ހެރިޓޭޖް ސްޓްރެޓަޖީ ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" އިފްތިތާހުކޮށްފި

"ވޯލްޑް ހެރިޓޭޖް ސްޓްރެޓަޖީ ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" އިފްތިތާހުކޮށްފި

ވޯލްޑް ހެރިޓޭޖް ސްޓްރެޓަޖީ ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް " އިފްތިތާހުކުރުން ފޮޓޯ:ވުޒާެރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 06:51

21 ޖުލައި 2026، 06:51

ކުދި ޖަޒީރާ ޤައުމުތަކުގެ ތަރިކަ ރައްކާތެރިކުރުމަށް އެކުލަވައިލި "ވޯލްޑް ހެރިޓޭޖް ސްޓްރެޓަޖީ ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ސްޓްރެޓަޖީ އިފްތިތާހުކޮށްފައިވަނީ މި މަހުގެ 19 އިން 29 އަށް ދެކުނު ކޮރެޔާގެ ބުސާންގައި ކުރިއަށްދާ ޔުނެސްކޯގެ 48 ވަނަ ދުނިޔޭގެ ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން، 2026 ޖުލައި 21 ގައެވެ. މި ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ތަރިކަ ރައްކާތެރިކުރުމާ ގުޅޭގޮތުން ބޭއްވި ޕެނެލް މަޝްވަރާގައި، ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ކަލްޗަރ އެންޑް ހެރިޓޭޖް ޒަހާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ. ޒަހާގެ ވާހަކަފުޅުގައި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމާއި، އެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިވަގުތު އެއްވެސް ސަރަހައްދެއް ހިމެނިފައި ނުވާ 26 ޖަޒީރާ ޤައުމެއް އޮތްއިރު، އޭގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ނަމަވެސް، ރާއްޖޭގެ ތާރީޚީ ފަސް ހިރިގަލު މިސްކިތެއް ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާރު ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުމަށް ބައްދަލުވުމުގެ ބައިވެރި ގައުމުތަކުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ދާއިމީ ލިސްޓަށް އެރުވުމަށް ހުށަހަޅާފައިވާ ފަސް މިސްކިތަކީ:

  • ހއ. އިހަވަންދޫ ކުރީގެ ހުކުރު މިސްކިތް
  • ރ. މީދޫ ބައް މިސްކިތް
  • އދ. ފެންފުށި ހުކުރު މިސްކިތް
  • މާލޭ ހުކުރު މިސްކިތް
  • ލ. އިސްދޫ އާސާރީ މިސްކިތް


ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރުން ފެށިގެން ހިމެނިފައިވީ ނަމަވެސް، މި ތަންތަން ދާއިމީ ލިސްޓަށް އެރުވުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގޮސްފައިވަނީ 2025 ވަނަ އަހަރު އިންޑިޔާގައި ހުންނަ ޔުނެސްކޯ ނިއު ދިއްލީ އޮފީހާއި ކިންގްޑަމް އޮފް ނެދަލޭންޑްގެ ދީލަތި އެހީތެރިކަމާ އެކުގައެވެ.

މި ސްޓްރެޓަޖީގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަގާފީ އަދި ތާރީޚީ ތަންތަން ބައިނަލްއަޤްވާމީ ފެންވަރުގައި ރައްކާތެރިކޮށް ދެމެހެއްޓުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450