ޚަބަރު
ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ޚަރަދެއް ތެލާއި ކަރަންޓުގެ އަގު ހިފެހެއްޓުމަށް
ފިނޭންސް މިނިސްޓްރީ ފޮޓޯ:މޯލްޑިވްސް ފައިނޭންޝަލް ރިވިއު
އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ހިފެހެއްޓުމަށްޓަކައި ދައުލަތުން ދޭ ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 16 ޖުލައި 2026 ގެ ނިޔަލަށް ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.13 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ އިތުރުވުމެކެވެ.
މި ހޭދަ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގައި ތެލާއި ކަރަންޓުގެ އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކުރި ޚަރަދު ބޮޑުވުމެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސާފުކުރި ތެލުގެ އަގު މަތިވުމުން، ތެލުގެ ސަބްސިޑީއަށް ކުރި ހޭދަ ވަނީ 702.1 މިލިއަން ރުފިޔާއިން 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މިއަހަރު ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ.
މީގެ އިތުރުން އެހެނިހެން ދާއިރާތަކުން ސަބްސިޑީއަށް ކުރި ހޭދައަށް ބަލާއިރު:
- ކަރަންޓު: 341.3 މިލިއަނުން 626.7 މިލިއަން ރުފިޔާއަށް.
- ކުނި މެނޭޖްކުރުން: 33.9 މިލިއަނުން 90.6 މިލިއަން ރުފިޔާއަށް.
- ދަތުރުފަތުރު: 128.5 މިލިއަނުން 201.6 މިލިއަން ރުފިޔާއަށް.
- ކާބޯތަކެތި: 199.4 މިލިއަނުން 243.9 މިލިއަން ރުފިޔާއަށް.
މި ދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ސަރުކާރުން މިގޮތަށް ސަބްސިޑީ ދެނީ، ކަރަންޓާއި، ކާޑުގެ ބާވަތްތަކާއި، ކުނި މެނޭޖުކުރުން ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ އަސްލު ޚަރަދަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ފަރަގު ފޫބައްދަނީ ދައުލަތުގެ ބަޖެޓުންނެވެ.