ޚަބަރު
ނައިފަރު ބިން ހިއްކުން ތާވަލުކޮށްފައި އޮތް ތާރީޚަށް ވުރެ ކުރިން ނިންމައިފި
ނައިފަރު ބިންހިއްކުން / ފޮޓޯ: އެމްޓީސީސީ
ޅ. ނައިފަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢު، ކަނޑައެޅިފައިވާ ތާވަލަށްވުރެ މާ ކުރިން އެމްޓީސީސީން ނިންމާލައިފިއެވެ.
ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ނައިފަރުގައި 44.8 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް އެއް އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، ބިން ހިއްކުމުގެ ބައި މިވަނީ އޭގެ ކުރިން ނިންމާލާފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ބިން ހިއްކުމުގެ އިތުރުން، އެ ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި އަދި 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ހިއްކި ސަރަޙައްދު ވަށައިގެން ބޮޑު ހިލަޖެހުން / ފޮޓޯ: އެމްޓީސީސީ
މީގެ އިތުރުން، ނައިފަރު ބަނދަރު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ ކުންފުނިން އަންނަނީ އެ މަސައްކަތްވެސް ބާރުމިނެއްގައި ކުރިއަށް ގެންދަމުންނެވެ.
ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްޤީއަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.