Ads by Farudhun

ޚަބަރު

ދައުލަތުގެ އާމްދަނީ އިތުރުވެ، ކައުންސިލްތަކަށް ދޭ ގްރާންޓާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީ އިތުރުވެ، ކައުންސިލްތަކަށް ދޭ ގްރާންޓާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވެއްޖެ

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް---

farudhun logo

ފަރުދުން

21 ޖުލައި 2026، 08:27

21 ޖުލައި 2026، 08:27

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކްސް އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، ކައުންސިލްތަކަށް ދޫކުރާ ގްރާންޓާއި ސަބްސިޑީތަކަށް ކުރާ ހޭދަ ސަރުކާރުން އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 16 ޖުލައި 2026 ގެ ނިޔަލަށް އެކުލަވާލައި، އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މި ހިނގާ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 475 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މީގެ އިތުރުން، އާންމު ޖީ.އެސް.ޓީ އާއި ޓީ.ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 9.0 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 15.8 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރު ވަނީ 17.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ 1.8 ބިލިއަން ރުފިޔާ ނުވަތަ 11.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، ހިލޭ އެހީގެ ގޮތުގައި ލިބުނު 438.8 މިލިއަން ރުފިޔާ ހިމެނޭހެން ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 23.0 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ސަރުކާރުގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ. ލާމަރުކަޒީ އުސޫލުން ޚިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 16.0 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ސަބްސިޑީއަށް ކުރި ހޭދަ 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 86.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ދައުލަތުގެ ޖުމްލަ ޚަރަދު 24.5 ބިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރޭގައި ސަބްސިޑީތަކާއި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރައަށް ކުރާ ހޭދަ އިތުރުވުމުން ރިކަރަންޓް ޚަރަދު ވަނީ 21.4 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ އިތުރުން ކެޕިޓަލް ޚަރަދުތަކަށް 3.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި މުއްދަތުގައި ބަޖެޓް ޑެފިސިޓް 1.5 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ނުހިމަނައި ބަލާއިރު، ދައުލަތުގެ ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450