ޚަބަރު
ރޯދަމަހުގެ ކުރިން 16 މިސްކިތަކާއި ޤުރުއާން މަރުކަޒުގެ ދެ ގޮތްޕެއް ނިންމަނީ
ހުޅުމާލޭގައި ހަދަމުންދާ މިސްކިތެއް---
އަންނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިމާރާތްކުރަމުންދާ 16 މިސްކިތަކާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ދެ ގޮތްޕެއްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު ކުރިއަށްދާ މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢުތަކެކެވެ. މީގެ ތެރޭގައި ހިމެނޭ 16 މިސްކިތާއި ޤުރުއާން މަރުކަޒުގެ ދެ ގޮފީގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިންމައި ބޭނުންކުރަން ފެށުމަށް ދަނީ ބާރުމިނުގައި މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، އަމިއްލަ ފަރާތްތަކާ ގުޅިގެން ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މި އަހަރުގެ ނިޔަލަށް ހުޅުމާލޭގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލައި، އެ ތަންތަނުގެ ބަދަލުގައި ދާއިމީ ރީތި މިސްކިތްތަކެއް އާންމުންނަށް ހުޅުވައިދިނުމެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާރު ފަށާފައިވާ ވަޤުފު މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް އަންނަ އަހަރުގެ ފަހުކޮޅުގައި ނިމިގެންދާނެއެވެ. މިއީ އިސްލާމީ ދާއިރާ ކުރިއަރުވައި، ދީނީ ކަންކަމަށް ހުރި ފުރުޞަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.