ޚަބަރު
މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)---
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 16 ވަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 5 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އެ އޮފީހުގެ ރަސްމީ ވެބްސައިޓް (presidency.gov.mv) އިން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މީރާއަކީ ރާއްޖޭގެ ޓެކްސްގެ ނިޒާމު ބަލަހައްޓާ އަދި ދައުލަތަށް ލިބޭ އާމްދަނީ އެއްކުރުމުގެ މުހިންމު ޒިންމާ އުފުލާ މުއައްސަސާއެވެ.