ޚަބަރު
ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމް ފަށައިފި
ހއ. ބާރާށުގައި ކުރެވުނު މަސައްކަތުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމް ފަށާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއީ، ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން އެ ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް އެ ވުޒާރާއަށް ލިބެމުންދިއުމާ ގުޅިގެން އެކަން ޙައްލުކޮށްދިނުމަށް ޓަކައި ފަށާފައިވާ މަސައްކަތެއްކަމަށް ވުޒާރާއިން ބުނެއެވެ.
އެގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ މަސައްކަތްތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ މީގެ ކުރިން ކުރިއަށްގެންގޮސްފައިކަމަށް ވުޒާރާއިން ބުނެއެވެ. އަދި އެ މަސައްކަތުގެ ތަޖުރިބާތަކުގެ އީޖާބީ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ މަސައްކަތް ވަނީ ފަށައިފައި ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.
މި ޕެސްޓިސައިޑް ކައުންސިލުތަކާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ، ރަށުގައި ހުރި ރުއްތަކުގެ ޢަދަދަށް ބިނާކޮށްކަމަށާއި، މިޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ޙަވާލުކުރެވުނީ ހއ. ބާރަށު ކައުންސިލާ ކަމަށް ވުޒާރާއިން ބުނެއެވެ. އެ ރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑުލުމުގެ ޕްރޮގުރާމް ހިންގައިފައެވެ.
މި ޕްރޮގްރާމުގެ ދަށުން ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް، ހއ، ހދ، އަދި ށ އަތޮޅަށް ފޮނުވާފައިވާ ކަމަށާއި، އެ އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ކަމަށް ވުޒާރާއިން ބުނެއެވެ. އަދި މިނޫން އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ މާލެއިން ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ޙައްލުކޮށްދިނުމަށް އެދި ލ. ކަލައިދޫ، ގދ. ފިޔޯރީ، އަދި އައްޑޫސިޓީގެ މީދޫއިން ވުޒާރާގައި އެދިފައިވާތީ، އެ ރަށްރަށަށް ވެސް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވާފައިކަމަށް ވުޒާރާއިން ބުނެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، އެހެން އަތޮޅުތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.