ޚަބަރު
މަގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި
މަގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުން---
ށ. މަގޫދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ދައުލަތުގެ ބަޖެޓުން 14.93 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫޢުގެ ދަށުން، 450 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހާ ހިމާޔަތްކޮށްފައެވެ.
މި މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 1 މާރިޗު 2023 ގައެވެ. އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.
މަގޫދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބަލާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުންވެސް މުހިންމު މަސައްކަތްތަކެއް އެ ރަށުގައި ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި އެ ރަށު ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢާއި، ރަށުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެކެވެ.