ޚަބަރު
އިރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް 37.5 ބިލިއަން ޑޮލަރުގެ ގެއްލުން
އެމެރިކާގެ ޑިފެންސް ސެކެޓްރީ، ޕީޓް ހެގްސެތް. ފޮޓޯ:
އިރާނާއި ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމަށް ލިބުނު ގެއްލުން ވަނީ 37.5 ބިލިއަން ޑޮލަރަށް އަރާފައިކަމަށް، އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަނުން ބުނެފިއެވެ. ޕެންޓަގަންގެ ފަރާތުން މިގޮތަށް ވިދާޅުވީ އެމެރިކާގެ ޑިފެންސް ސެކެޓްރީ، ޕީޓް ހެގްސެތްއެވެ. ހަނގުރާމައިގެ ފުރަތަމަ ހަފްތާގައި އެކަނި ވެސް އެމެރިކާއިން 11.3 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަން މީގެ ކުރިން ޕެންޓަގަންއިން ހާމަކޮށްފައިވެއެވެ.
އަންގާރަ ދުވަހު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ، ސެނެޓް އެޕްރޮޕްރިއޭޝަން ކޮމިޓީއަށް ހާޒިރުވެ ދެއްކެވި ވާހަކަތަކުގެ ތެރޭގައި އޭނާ ވިދާޅުވީ، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކުރެވުނު ޚަރުތަކުގެ އަނދާޒާއެއްކަމަށެވެ. އަދި މިއީ މިދިޔަ މެއި މަހު މިކަމަށް ހޭދަކުރެވުނުކަމަށް ލަފާކުރި އަދަދާ އަޅާބަލާއިރު، 8 ބިލިއަން ޑޮލަރުގެ އިތުރުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއާއެކު އޭނާ ވަނީ، ވީހާ ވެސް އަވަހަކަށް ބަޖެޓަށް 87 ބިލިއަން ޑޮލަރު އިތުރުކޮށްދިނުމަށް ސެނެޓް އެޕްރޮޕްރިއޭޝަން ކޮމިޓީގައި އެދިފައެވެ. އޭގެ ތެރެއިން 67 ބިލިއަން ޑިލަރު ހޭދަވާނީ މެދުއިރުމަތީގައި ކުރިއަށް ގެންދާ އޮޕްރޭޝަންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އިތުރު ފައިސާއަށް އެދެންޖެހުނީ މިއީ ވަރަށް ނާޒުކު ދަނޑިވަޅަކަށްވެފައި ވާތީކަމަށް ހެގްސެތް ވަނީ ވިދާޅުވެފައެވެ.
އަދި އެ ފައިސާއާއިނުލާ މުސްތަގުބަލުގައި ހިންގުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނުތައް މެދުކަޑާލަންޖެހޭނެ ކަމަށާއި، އަސްކަރިއްޔާގެ ސިފައިންނަށްދޭންޖެހޭ މުސާރަ ވެސް ނުދެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭނުންވާ އިކުއިޕްމެންޓުތައް ހޯދުމަށާއި، ހުއްޓުމެއްނެތި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް މި ފައިސާ ވަރަށް މުހިންމުކަމަށް އޭނާ ބުންޏެވެ.
އެމެރިކާ އާއި އީރާނާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިޔަ ނަމަވެސް، މިދިޔަ ހަފަތާގައި އެމެރިކާއިން ވަނީ މި އެއްބަސްވުމާ ޚިލާފަށް އީރާނަށް އަލުން ހަމަލާތައްދޭން ފަށާފައެވެ. އެއާއެކު ދެ ޤައުމުގެ މަޝްރަޚު ގޯސްވެ ކޮންމެ ދުވަހަކު ވެސް ދެ ގައުމުގެ ދެމެދުގައި ހަމާލާތައް އަންނަނީ ބަދަލުކުރެވެމުންނެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް "ވަރަށް ވަރުގަދައަށް" ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ.