ޚަބަރު
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން ބަޔަކާ ހަވާލުކުރަނީ
ރާއްޖޭގައި ކުރީގައި އޮޕަރޭޓްކުރި ހަމިންގބާރޑް ހެލިކޮޕްޓަރެއް ފޮޓޯ: އެޑިޝަން
ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި، އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ފެށުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވެއެވެ. ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވޭ ފަދަ ހުރަސްތަކެއް ހުރުމާއެކު، ރެޔާއި ދުވާލު އަދި ތަފާތު މޫސުންތަކުގައި ފަތުރުވެރިންނާއި އާންމުން އުފުލޭނެ އިންތިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރެޔާއި ދުވާލު ވިއްސާރަޔާއި އަވީގައި ޓޫރިސްްޓް ޓްރާންސްފަރ އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގުތައް އެބަ ފަހިކުރަންޖެހޭ. އެގޮތުން އަޅުގަނޑުމެން ހެލިކޮޕްޓަރު އިންޓްރޮޑިއުސް ކުރަން މި މަސައްކަތް ކުރަނީ،
ވަޒީރު
މިކަމަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެއަރ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ޚިދުމަތަކީ ހަމައެކަނި ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ޚިދުމަތެއް ނޫނެވެ. މީގެ ތެރޭގައި ސާރޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތްވެސް ހިމެނޭނެއެވެ. މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.
ސަރުކާރުގެ އަމާޒަކީ، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ. މި ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަސައްކަތް ކުރިއަށްދާނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.