ޚަބަރު
މާލެ ސަރަހައްދު "ވެހިކަލް ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް" ހަދަނީ
މާލޭ ސިޓީގައި ގިނަ އަދަދެއްގެ ވެހިކަލް ފޮޓޯ: ސަން
މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުތަކާއި ދަތުރުފަތުރުގެ ދަތި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މި ސަރަހައްދަކީ "ވެހިކަލް ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް" ހެދުމުގެ މަސައްކަތް ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.
މި މުހިންމު މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ޚާއްސަ އިދާރާއެއް މި މަހުގެ 12 ވަނަ ދުވަހު އުފައްދަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ ގޮތަށް އުފެއްދެވި މި އޮފީހުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމެވެ.
މިކަމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދަތުރުފަތުރުގެ ކަންކަން އެ ވުޒާރާގެ ދަށަށް ބަދަލުކުރިތާ 90 ދުވަހުގެ ތެރޭގައި މި އޮފީސް ގާއިމުކުރުމަށް ބޭނުންވާ މާސްޓަޕްލޭން ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ މާލެ ސަރަހައްދުގައި އުޅަނދުތައް އިތުރުވަމުންދާ މައްސަލައާއި ޕާކިންގެ ދަތިތަކަށް ވީހާވެސް އަވަހަށް ހައްލެއް ހޯއްދަވައިދެއްވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ މި އޮފީހަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމުގެ މަސައްކަތެވެ. މާލެ ސަރަހައްދު ރެޖިސްޓްރޭޝަން ކޯންޓްރޯލް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ޖުމްލަ 11 ދާއިރާއަކުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
މި މަސައްކަތް ކުރިއަށްދާނީ މުޅި ސަރުކާރު ބައިވެރިވާ "ހޯލް އޮފް ގަވަރމަންޓް އެޕްރޯޗް" އެއްގެ ދަށުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިތުރުން، ހޯމްލޭންޑް މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ، އިންފްރާސްޓްރަކްޗަރ މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސަރވިސް، އެޗް.ޑީ.ސީ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސިޔާސަތުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ބައެއް މުހިންމު ބަދަލުތަކުގެ ތެރޭގައި:
- ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
- ޑިޖިޓަލައިޒޭޝަންގެ އެހީގައި ލައިސަންސް ބޯޑުތައް ފަސޭހައިން ރީޑްކުރެވޭނެ ޒަމާނީ ޓެކްނޮލޮޖީ ގާއިމުކުރުން.
- ޓްރެފިކް ފްލޯ ރަނގަޅުކުރުމަށްޓަކައި ޓްރެފިކް މެނޭޖްމަންޓް އޮފީހެއް ގާއިމުކުރުން.
- ތަފާތު މޮޑެލްތަކަށް ޕާކިންގ ޖާގަތައް ތަރައްގީކުރުން.
ވަޒީރު ސަޢީދު ޔަގީންކަން ދެއްވި ގޮތުގައި، މި ހުރިހާ މަސައްކަތްތަކެއް ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލައަށް ވަށައިޖެހޭ އަދި ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.