Ads by Farudhun

ޚަބަރު

މާލީ ބަޔާން ހުށަނާޅާ މައްސަލާގައި ތިން ޕާޓީއަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

މާލީ ބަޔާން ހުށަނާޅާ މައްސަލާގައި ތިން ޕާޓީއަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން---

farudhun logo

ފަރުދުން

22 ޖުލައި 2026، 12:51

22 ޖުލައި 2026، 12:51

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އުސޫލުތަކާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައި ނުވާތީ، ރާއްޖޭގައި ހަރަކާތްތެރިވާ ތިން ސިޔާސީ ޕާޓީއަކަށް ފިޔަވަޅު އަޅައި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އެމްއެންޕީ އާއި އަދާލަތު ޕާޓީން މާލީ ބަޔާން ހުށަހަޅާފައެއް ނުވެއެވެ. އަދި މައި އިދިކޮޅު ޕާޓީ، އެމްޑީޕީން މާލީ ބަޔާން ހުށަހެޅީ ކަނޑައެޅިފައިވާ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާގޮތުން، ކޮންމެ އަހަރަކުވެސް ޕާޓީތަކުގެ މާލީ ބަޔާން އަހަރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެއެވެ. ނަމަވެސް، މި އަހަރުގެ މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު އެކި ސަބަބުތަކާހުރެ އިތުރުކުރުމަށްފަހު، އެންމެ ފަހުގެ ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހެވެ. މި މުއްދަތުގެ ތެރޭގައި އަމަލުނުކުރި ކޮންމެ ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

މި ބަޔާންތަކުގެ ތަފްސީލަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީއަށް އާމްދަނީގެ ގޮތުގައި 14.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ އީސީން ދޫކުރި ފައިސާއެވެ. އަދި 842,000 ރުފިޔާއަކީ އަމިއްލަ ފަރާތްތަކުން ޕާޓީއަށް ދީފައިވާ އެހީއެވެ.

އިދިކޮޅު އެމްޑީޕީގެ މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު އެ ޕާޓީއަށް އާމްދަނީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 8.4 މިލިއަން ރުފިޔާއަކީ އީސީން ދިން ފައިސާއެވެ. މީގެ އިތުރުން، އެހީގެ ގޮތުގައި އެ ޕާޓީއަށް މިލިއަނެއްހާ ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 57,095 ރުފިޔާއަކީ އެކި ކުންފުނިތަކުން ލިބިފައިވާ އެހީކަން ފާހަގަކުރެވެއެވެ.

ސިޔާސީ ޕާޓީތަކުން މާލީ ކަންކަން ހާމަކުރުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށް އީސީން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450