ޚަބަރު
އދ. ދިގުރަށުގައި ސަމްޕާ ގައިޑް އިމްތިހާނު ބާއްވައިފި
އިމްތިހާނުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ދެކުނު އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު (ސަމްޕާ) ބެލެހެއްޓުމާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ތަމްރީނުކުރާ ގައިޑުންނަށް އަމާޒުކޮށްގެން ބާއްވާ "ސަމްޕާ ގައިޑް އިމްތިހާނު"، އަންގާރަ ދުވަހުގެ ރޭ އދ. ދިގުރަށުގައި ބާއްވައިފިއެވެ.
މި އިމްތިޚާނާއި، ތަމްރީނު ސެޝަންގައި ޖުމްލަ 35 މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 29 ބައިވެރިން ވަނީ، ސަމްޕާ ގައިޑް އިމްތިހާނުގައި ބައިވެރިވެ، އިމްތިހާނު ފުރިހަމަކޮށްފައިކަމަށް ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ދެ ސެޝަނެއް އދ. ދަނގެތި އަދި އދ. މަހިބަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ސެޝަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިފަދަ ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގައިޑުންނަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މަސައްކަތްކުރާ ބަޔަކަށް ހެދުން ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ، ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދުގައި އުޅަނދުފަހަރު ދުއްވަންޖެހޭ ބާރުމިންތަކެއް ކަނޑައަޅާފައެވެ. އެގޮތުން އުޅަނދު ދުއްވަންޖެހޭ މިންގަނޑުތަކަކީ:
- މަޑި ނުވަތަ ވޭލްޝާކު 15 މީޓަރަށްވުރެ ކައިރީގައިނަމަ: ނިއުޓްރަލް ގިއަރުގައި ބެހެއްޓުން.
- 50 މީޓަރުގެ ކައިރީގައިނަމަ: ގަޑިއަކު 2 ނޮޓްސްގެ ބާރުމިނުގައި.
- 250 މީޓަރުގެ ކައިރީގައިނަމަ: ގަޑިއަކު 5 ނޮޓްސްގެ ބާރުމިނުގައި.
- މުޅި ސަމްޕާ ސަރަޙައްދުގެ ތެރޭގައި: ގަޑިއަކު 10 ނޮޓްސްއަށްވުރެ ބާރު ނުކުރުން.
ސަންޕާ ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ ސަރަހައްދު ކަމަށްވުމާއެކު، އެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާތީ، އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކުރުން ހިމެނެއެވެ.
Last night in ADh. Dhigurah, 35 participants joined us with 29 guides sitting for their SAMPA Guide Exam.
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 22, 2026
SAMPA Management Plan outlines the speed limits for vessels within the MPA. If the whaleshark or manta ray is within
- 15 meters, neutral gear 👌
- 50 meters, 2 knots ✌️
-… pic.twitter.com/dyotPJpcut