ޚަބަރު
ޑިޖިޓަލް އިޤްތިސާދުގެ ބިންގަލަކީ އިންސާނީ ރައުސްމާލު - މިނިސްޓަރު އިހުސާން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން - ފޮޓޯ: ވިޝާހު / ފަރުދުން މީޑިއާ
ދިވެހިރާއްޖޭގެ އިޤްތިސާދު ޑިޖިޓަލް މިސްރާބަކަށް ބަދަލުކުރުމަށްޓަކައި ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓަކީ، އެ ނިޒާމުތައް ބޭނުންކުރާނެ ޤާބިލު އިންސާނީ ރައުސްމާލެއް ބިނާކުރުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" މަގުޗާޓުގެ ދަށުން "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ޓެކްނޮލޮޖީއަކުން ޤައުމެއް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީ ފޯރުކޮށްދިން ނަމަވެސް، އެ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ ހުނަރުވެރި ރައްޔިތުން ނެތްނަމަ އެއީ ނާކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ހަމައެކަނި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމެއް ނޫން. މި ރޮނގުން ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ޤައުމާއިގެން ކުރިއަށްދާނެ، ޑިޖިޓަލް, ޤާބިލު ރައްޔިތުން އުފެއްދުން،"
މިނިސްޓަރު އިޙުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީޒު ގެންގުޅުއްވާ ތަޞައްވުރަކީ އެއްވެސް ރައްޔިތަކު ދިރިއުޅޭ ރަށެއްގެ ސަބަބުން ލިބޭ ފުރުޞަތުތައް ހަނިނުވާނެ ފަދަ ޑިޖިޓަލް ޤައުމެއް ބިނާކުރުން ކަމަށެވެ. އެގޮތުން މިއަދު ފެށުނު "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭނަކީ 70ގެ އަހަރުތަކުގައި ރާއްޖޭގައި ފެށި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފަދަ ބިޔަ ޤައުމީ މަސައްކަތެއްކަން އިހުސާން ފާހަގަކުރެއްވިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރި، ޒިންމާދާރު ޖީލެއް ބިނާކުރުމަށް ފެށި މި ކެމްޕޭނަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވާސިލުވާނެ ހަރަކާތެކެވެ. މި މަސައްކަތުގައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މައިންޑް ކޯ ގެ ފިއުޗަރ އިންސްޓިޓިއުޓާއި، އަމިއްލަ ފަރާތްތަކުގެ ބޮޑު ބައިވެރިވުމެއް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ނިންމަވާލައްވަމުން މިނިސްޓަރު ވަނީ، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އަންނަ މި ބޮޑު ބަދަލުގައި އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.