ޚަބަރު
އަމާޒަކީ ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން -ޑރ ޝަފީއު
ތައުލީމީ ވަޒީރު - ޑރ އިސްމާއިލު ޝަފީއު
ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ބައްޓަންކުރުމަށްޓަކައި، ރައްޔިތުންނަށް ބޭނުންވާ ޢިލްމާއި ހުނަރު ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ފަރުމާކޮށްފައިވާ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފުގައި ހިމެނޭ ޤައުމަކަށް ހެއްދެވުން ކަމަށެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި "މޯލްޑިވްސް 2.0" ގެ ދަށުން ކުރިއަށްދާ ޑިޖިޓަލް ރާއްޖެ މަޝްރޫޢަކީ ވަރަށް މުހިންމު ބިންގަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރެވޭނެ ފަދަ ޢިލްމީ އަދި ހުނަރުވެރި އާބާދީއެއް ބިނާކުރުމެވެ. މި މަސައްކަތުގައި ރާއްޖޭގެ ހުރިހާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ އިތުރުން ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއެކު، ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ނިޒާމުތައް ފަސޭހަކަމާއެކު ބޭނުންކުރަން ދަސްކޮށްދެވޭނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މުޖުތަމަޢުގެ ހުރިހާ ފަންތިއަކަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއާއެކު ގޭގައި ތިިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތިތައް ފަހިވެ، ޖިސްމާނީ ނަފްސާނީ ނުކުޅެދުންތެރިކަމަށް ރިއާތް ކުރުމެއް ނެތި ހުރިހާ އެންމެނަށް އެއްހަމައެއްގައި މުޖުތަމަޢުގައި ޚިދުމަތް ކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެ،"
ޑރ. ޝަފީޢު ވިދާޅުވިއެވެ.
މި ކެމްޕޭނަކީ ތަޢުލީމީ ދާއިރާގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ހިންގާ ޤައުމީ މަސައްކަތެކެވެ. އެގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި، މައިންޑްކޯ، މޯލްޑިވްސް ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން، ކުދިކުދި ތަމްރީނުތައް ފުރިހަމަކޮށްގެން ރަސްމީ ސެޓްފިކެޓަކާ ހަމައަށް ވާޞިލްވުމުގެ މަގު ފަހިކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދީ، އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުންކަން ތަކުރާރު ކުރައްވަމުންނެވެ.