ޚަބަރު
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް
ބޮޑުތަކުރުފާނު މަގު / ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މި ފިޔަވަހީގައި ކުރަންޖެހޭ މައިގަނޑު ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ.
އެގޮތުން، މަގުގެ ސެގްމެންޓް 2 އަދި 3 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ (ރޯޑް މާކިން) މަސައްކަތްތައް މިހާރު ވަނީ 100 އިންސައްތަ ނިމިފައެވެ. މީގެ އިތުރުން، އެ ސަރަޙައްދުގައި ހިމެނޭ ޕާކިންގ ޒޯންތަކާއި ހިނގާ މީހުންނަށް ޚާއްޞަ ދުވާރުތަކުގެ މަސައްކަތްތައްވެސް ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަގުގެ ބާކީ ހުރި ފިނިޝިންގ މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. އަދި މިހާރު ކުރިއަށްދަނީ ޕާކިންގ ޒޯންތަކުގެ ނިޝާންތައް ކުރެހުމާއި، މަގުބައްތިތައް ހަރުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ބޮޑުތަކުރުފާނު މަގުގައި އަލަށް ހަދާ ޕާކިން ޒޯން / ފޮޓޯ: އެމްޓީސީސީ
މި ހަފްތާގެ ނިޔަލަށް މި ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައި، މަގު ބޭނުންކުރާ ފަރާތްތަކަށް މި ސަރަޙައްދު ހުޅުވާލުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި، މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 455 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.