ޚަބަރު
މިނިވަން ދުވަހުގެ މުނާސަބަތުގައި "މިނިވަން ރަން" ގެ ނަމުގައި ޚާއްސަ ދުވުމެއް ބާއްވަނީ
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި "މިނިވަން ރަން" ގެ ނަމުގައި ޚާއްސަ ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އިޢުލާން ކުރައްވައިފިއެވެ.
އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި ދުވުން އޮންނާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ކަމަށެވެ. އަދި މި ހަރަކާތަކީ އަހަރަކަށް ވުރެ އަހަރެއް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ހަރަކާތެއް ކަމަށާއި، ކުރިމަގުގައި ރާއްޖޭގެ އެކި ރަށްރަށާއި ސިޓީތަކަށް މި ދުވުން ފުޅާކުރުމަކީ އަމާޒެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ވީ ރަން" އާ ގުޅިގެން ކުރިއަށްގެންދާ މި ދުވުމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ވީ ރަން" އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށާއި، ދުވުމުގެ ބައިވެރިންނަށް ޚާއްސަ ޓީޝާޓެއް ލިބޭނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފޮޓޯގްރަފީ އާއި ކުރެހުމުގެ މުބާރާތެއްވެސް ބާއްވަން ވަނީ ނިންމާފައެވެ. މި މުބާރާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މުބާރާތަށް ހުށަހަޅާ ފޮޓޯތަކާއި ކުރެހުންތައް ނޭޝަނަލް އާޓް ގެލެރީގައި މައުރަޒެއްގެ ގޮތުގައި އާންމުންނަށް ދައްކާލެވޭނެ ކަމަށެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެންދާނީ ޖުލައި 26 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އެއަށްފަހު، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިވަން ދުވަހުގެ ރޭ، ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހަރަކާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި، ސްކޫލްތަކުގެ ދަރިވަރުންނާއި އެމްއެންޑީއެފް ގުޅިގެން ހުށަހަޅާ ކުޅިވަރުތަކުގެ އިތުރުން ތަފާތު ސަގާފީ ހަރަކާތްތައް ހިމެނެއެވެ.