ޚަބަރު
މިނިވަންކަން ދެމެހެއްޓުމުގައި ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްވޭ: ވަޒީރު ހީނާ
ގައުމީ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ މިނިވަންކަން މިގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމުގައި ކޮންމެ ދިވެހި ފަރުދެއްގެ ވެސް ޒިންމާއެއްވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ހީނާ ވިދާޅުވީ، މިނިވަން ދުވަހާ ބައްދަލުކުރާއިރު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް މި ދުވަހާ މެދު ފުންކޮށް ވިސްނާ ފިކުރުކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ގައުމީ ދުވަސްތަކުން ލިބިގަންނަންޖެހޭ އިބްރަތްތަކާ މެދު ވިސްނައި، ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އަމިއްލަ ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިވަން ދުވަހު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް މިދުވަހާ ދޭތެރޭގައި ވިސްނާ ފިކުރުކޮށް، މިފަދަ ދުވސްތަކުން ލިބިގަންނަންޖެހޭ އިބްރަތްތަކާ ގުޅިގެން ވިސްނާ ވިކުރުކުރަނެޖެހޭ. އަދި މިނިވަންކަން މިގޮތުގައި ދެމެހެއްޓުމަކާ ދިވެހި ކޮންމެ ފަރުދެއްގެ ވެސް ޒިންމާތަކެއް ވާކަން ގަބޫލުކުރަންޖެހޭ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް އިންތިޒާމުކޮށް ބެލެހެއްޓުމަކީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މައިގަނޑު އެއް ޒިންމާއެވެ. މިކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ގައުމީ ދުވަސްތައް ފާހަގަކުރަނީ އެ ދުވަސްތަކަށް ދޭންޖެހޭ އެންމެ މަތީ ދަރަޖައާއި ގަދަރު ދީގެން ކަމަށެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ ޖުމްހޫރީ މައިދާނުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުން ކަމަށެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ.
މީގެ އިތުރުން، މިނިވަން ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހަރަކާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ޕެރޭޑުގެ އިތުރުން، ސްކޫލްތަކުގެ ދަރިވަރުންނާއި އެމްއެންޑީއެފް ގުޅިގެން ހުށަހަޅައިދޭ ކުޅިވަރުތަކާއި ސަގާފީ އެކި ހަރަކާތްތައް ހިމެނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިނިވަން ދުވަހުގެ ޕެރޭޑު ނުވަތަ ރޫޓް މާރޗް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާނެއެވެ. މި ޕެރޭޑު ހިނގާނެ މަގުތައް ނުވަތަ 'ރޫޓް' ކުރިއަށް އޮތް ތަނުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ހިއްސާކުރެވޭނެ ކަމަށް ވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.