ޚަބަރު
ބީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އީނާސް ނަޞީރު އައްޔަނުކޮށްފި
އީނާސް ނަޞީރު. ފޮޓޯ: ޕީސީބީ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، އީނާސް ނަޞީރު އައްޔަނުކޮށްފިއެވެ.
ސ.ހިތަދޫ، މީނާޒް، އީނާސް ނަޞީރު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާނުކޮށްފައިވަނީ، 22 ޖުލައި 2026 ގައެވެ.
އީނާސް ވަނީ، އިނގެރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން، ފައިނޭންސްގެ ދާއިރާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ.
އީނާސް ނަޞީރަކީ ފައިނޭންސް ދާއިރާއިން 20 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ.ހިތަދޫ، މީނާޒް، އީނާސް ނަޞީރު ވަނީ އައްޔަނުކޮށްފައި. pic.twitter.com/F9tWna4ztL
— Privatization & Corporatization Board (@pcb_gov) July 22, 2026
އޭނާ މިހާރު މަސައްކަތްކުރައްވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފައިނޭންސް ޑިރެކްޓަރ އެއްގެ މަޤާމުގައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އިޤްތިޞާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ 50 މިލިއަން ރުފިޔާގެ ރައުސްމާލަކާ އެކުގައެވެ.