ޚަބަރު
ފުލުހުންގެ މެމޯރިއަލް ޑޭއާއި ގުޅޭ ހާއްސަ ލަވައެއް ނެރުއްވައިފި
ފުލުހުންގެ މެމޯރިއަލް ޑޭގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފުލުހުން
ގައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި ޚިދުމަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށް، އެ ބޭފުޅުންގެ ހަނދާންތައް އާލާކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ ލަވައެއް ނެރުއްވައިފިއެވެ.
2012 ޖުލައި 23 ވަނަ ދުވަހު، ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަސް ފާހަގަކުރެވިގެންދަނީ، ޕޮލިސް މެމޯރިއަލް ޑޭ ގެ ގޮތުގައެވެ. މި ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރައްވަން ފަށްޓަވައިފައިވަނީ، 2013 ވަނަ އަހަރުއެވެ.
މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން، ރޭ 00:00 ގައި އިސްކަންދަރު ބިލްޑިންގުގައި ހުރި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާއިރު، މިއީ ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވެފައިވާ ފުލުހުންގެ ޒިކުރާ އައުކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
މިއަދު މި ދުވަސް ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް އިސްކަންދަރު ކޮށި ބޭރުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަނީ، އިސްކަންދަރު ކޮށި ބޭރުގައި ގާއިމްކޮށްފައިވާ މެމޯރިއަލް ވޯލްގައި ގާޑް މައުންޓްކުރުމަށްފަހު، ދުނިޔެ ދޫކުރެއްވި ފުލުހުންގެ ހަނދާނުގައި ވަނީ، ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ. އަދި އެ ދުވަހާ ގުޅޭ ހާއްސަ ދުޢާއެއް ވެސް ވަނީ ކޮށްފައެވެ.
މެމޯރިއަލްޑޭގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ކުރިއަށްދާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި ދުވަހާގުޅިގެން ނެރުނު ހާއްސަ ލަވައިގައި، ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އާކޮށްފައެވެ. އަދި އެ ބޭފުޅުންނަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭނެ ބަޔަކަށްވެގެންދާނެ ކަމަށް ވެސް ލަވައިގައި ފާހަގަކޮށްފައިވެއެވެ.
މި ލަވައިގެ ވީޑިއޯ ފައިލް https://tinyurl.com/y4rahd4n ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.