ޚަބަރު
ޕީއެސްއައިޕީއަށް ހަރަދުކުރީ 3.2 ބިލިޔަން، ހަރުދަނާ ގޮތެއްގައި ހަރަދު ބެލެހެއްޓެމުންދާކަމުގެ ހެތްކެއް: މާލީ ވުޒާރާ
ށ.މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފޮޓޯ:އެމްޓީސީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ވަނީ 3.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާތަނަށް ކުރި ޚަރަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 3.8 ބިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު 15.7 އިންސައްތަ ދަށް އަދަދެކެވެ.
މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަމުގެ ހެއްކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށް، އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް "ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް" ވެސް ޤާއިމްކޮށްފައެވެ.
ދާއިރާތަކުން ކުރި ޚަރަދުތަކުގެ ތަފްޞީލް:
- އިޤްތިޞާދީ ދާއިރާ: އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މި ދާއިރާއަށެވެ. އެއީ 1.3 ބިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން 997.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ދަތުރުފަތުރުގެ ވަސީލަތްތައް ޤާއިމްކުރުމަށެވެ.
- އާންމު ޚިދުމަތުގެ ދާއިރާ: މި ދާއިރާއަށް 576.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިންތައް ބެލެހެއްޓުމަށެވެ.
- ބޯހިޔާވަހިކަމުގެ ދާއިރާ: މި ދާއިރާއަށް 480 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 123 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
- ޞިއްޙީ ދާއިރާ: ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް 206.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 73.2 މިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.
ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމެވެ. އެގޮތުން 7 ދާއިރާއަކުން މިހާތަނަށް 100 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.