ޚަބަރު
ބަރުދަން ލުއިކުރަން ސައްހަނޫން ތަކެތި ބޭނުންނުކުރުމަށް އެމްއެފްޑިއޭއިން އިލްތިމާސްކޮށްފި
ބޭސް ފިހާރައެއް. ފޮޓޯ: އިންޓަނެޓް
ބަރުދަން ލުއިކުރުމަށާއި، އެކި ބަލިބަލީގެ ފަރުވާއަށް، ސައްހަ ނޫން ތަކެތި ބޭނުންނުކުރުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ވަނީ، ބަރުދަން ލުއިކުރުމަށާއި، އެކި ބަލިބަލީގެ ފަރުވާއަށް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެ ތަކެތި ބޭނުންކުރުމަށް ހިތްވަރުދީ އެއާއި ގުޅޭ މައުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މައުލޫމާތު ހިމެނޭގޮތަށް ކާބޯތަކެތި މާކެޓްކުރުމަކީ އެ ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު އޮޅި، އެ ފަރާތްތަކުގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތްކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި މިކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑީ، ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނަށާއި، މާބަޑުމީހުންނަށާއި ގާތުން ކިރުދޭ މައިންނަށް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
ކާބޯތަކެތީގެ އުފެއްދުންތައް ކުރިއެރުވުމަށް ބޭނުންކުރާ މައުލޫމާތު އެކި މަންސަތަކުގައި ދައުރުކުރުމަކީ އެމްއެފްޑީއޭގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެގޮތުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް، ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެކަން ދޭހަވާގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ މަނާ ކަމެކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.
ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ހަޤީޤަތާ ހިލާފަށް ނުވަތަ ހަޤީޤަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީ ވެސް މި ގަވާއިދު ގެ ދަށުން މަނާކަމެއްކަން އެމްއެފްޑީއޭއިން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދާ އެއްގޮތަށް އެ ތަކެތި އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
މީގެ އިތުރުން އެ އޮތޯރިޓީން ބުނެފައިވަނީ، ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.