ޚަބަރު
އެންމެ އިތުބާރާއެކު ލޭ ސްކްރީން ކުރެވޭ 'ނެޓް' ޓެސްޓިންގ ރާއްޖޭގައި ފަށައިފި
'ނެޓް' ޓެސްޓިންގ ފޮޓޯ: މޯލްޑިވްސް ބްލަޑް ސަރވިސަސް
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ލޭގެ ޚިދުމަތް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިންގ ގެ ޚިދުމަތް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގައި ހާސިލްކުރެވުނު ތާރީޚީ މަރުހަލާއެކެވެ. ރާއްޖޭގައި އަލަށް ތައާރަފްކުރި މި ޓެކްނޮލޮޖީއަކީ ހަދިޔާކުރާ ލޭގައި ހުރެދާނެ އެޗް.އައި.ވީ ، ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ ފަދަ ނުރައްކާތެރި ބަލިތައް، އާދައިގެ ޓެސްޓުތަކަށްވުރެ މާ އަވަހަށް އަދި ޔަޤީންކަމާއެކު ދެނެގަނެވޭނެ ވަޞީލަތެކެވެ.
"ނެޓް" ޓެސްޓިންގ އަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ލޭ ހަދިޔާކުރާ މީހުން ސްކްރީން ކުރުމަށް ބޭނުންކުރާ އެންމެ އިތުބާރު ހުރި "ގޯލްޑް ސްޓެންޑަރޑް" އެވެ. މި ޓެކްނޮލޮޖީގެ އެހީގައި، ވައިރަސް ހަށިގަނޑަށް ވަދެ "ވިންޑޯ މަރުހަލާ" ގައި ނުވަތަ އެންޓިބޮޑީސް އުފެދުމުގެ ކުރިންވެސް ބަލި ހުރިކަން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ބަލިޖެހިފައިވާ ލޭ ބަލިމީހުންގެ ގަޔަށް އެޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.
މި ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ. ޚާއްޞަކޮށް، މިއީ "މޯލްޑިވްސް ތެލަސޭމިއާ މާސްޓަރ ޕްލޭން 2024–2034" ގައި ކަނޑައަޅާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅުނު ފިޔަވަޅެކެވެ.
އުތުރު އެމެރިކާ، ޔޫރަޕް އަދި އޭޝިއާގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ބޭނުންކުރާ މި ޒަމާނީ ވަޞީލަތާއެކު، ރާއްޖޭގެ ލޭގެ ރައްކާތެރިކަން މިވަނީ ދުނިޔޭގެ ފެންވަރަށް މަތީ މިންގަނޑަކަށް އުފުލިފައެވެ. މިއީ ލޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށާއި، ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މިއަދު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިންގ (NAT) މިވަނީ ފަށާފައެވެ. ދިވެހިރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި މިއަދު މި ޙާޞިލްވީ ވަރަށް މުހިއްމު ތާރީޚީ މަރުހަލާއެކެވެ.
— Haleem (@22halex) July 23, 2026
ދިވެހިރާއްޖޭގައި ފުރަތަމަ… pic.twitter.com/gf3CprM0dP