ޚަބަރު
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައެއް ތާވަލަށްވުރެ އަވަހަށް ނިންމާލައިފި
ބޮޑުތަކުރުފާނު މަގުގެ ޕާކިންގ ސަރަހައްދެއް ފޮޓޯ: އެމްޓީސީސީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ގިނަ މަސައްކަތްތަކެއް، ކަނޑައެޅިފައިވާ ތާރީޚަށްވުރެ އަވަހަށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ދެވަނަ އަދި ތިންވަނަ ސެގްމަންޓްގެ ޕާކިންގ ޒޯންތަކާއި ދުވާރު ހެދުމުގެ މަސައްކަތްތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ފިނިޝިންގގެ ބާކީ ހުރި މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން، ޕާކިންގ ޒޯންތަކުގެ ނިޝާންތައް ކުރެހުމާއި، އެ ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ބާރު މިނުގައި ކުރިއަށްދާއިރު، މި ހަފުތާގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މުޅި މަޝްރޫޢު ޖުލައި 26 ގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ދެއެވެ.
ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދު ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑުކޮށް، ދަތުރުފަތުރަށް ލުއިވާނެ ގޮތަށް ފުޅާކޮށްގެންނެވެ. މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމުމުން، އެ ސަރަހައްދުގައި ހުރި އޮފީސްތަކާއި ބޭންކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕާކުކުރެވޭނެ ފުރިހަމަ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމައި އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. އެއީ އެމްއެމްއޭ ސަރަހައްދާއި މާރުކޭޓު ސަރަހައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމާއެކު، މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ނިމިދިޔަ އަހަރުގެ އޮގަސްޓް 22 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީކުރާނެއެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.