ޚަބަރު
ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ ނިމިއްޖެ
ށ. ބިލެތްފަހި---
ށ. ބިލެތްފަހީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާކަން، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވޮ ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫއުގެ 93 އިންސައްތަ މިހާރުވަނީ ނިމިފައި ކަމަށެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ.
ށ.ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު pic.twitter.com/Cwtt7Em3b2
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 22, 2026
މަޝްރޫއުގެ ދަށުން، އައު ބަނދަރާއި ނެރުފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ޖެހުމުގެ މަސައްކަތާއި، ކީވޯލް ޖެހުމުގެ މަސައްކަތާއި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، މޫރިންގ ބްލޮކްސް ހަރުކުރުމާއި، ރޭމްޕެއްލުމާއި، ޕޭވްމްނަޓުލުމުގެ އިތުރުން، ބަނދަރުގައި ލައިޓު ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާއި ހަވާލުކުރެވިފައިވެއެވެ.
ބިލެތްފަހީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 47.09 މިލިއަން ރުފިޔާގެ އަގަކަށެވެ.
އެ ރަށުގެ ބަނދަރު ޖާގައިގެ ގޮތުން ކުޑަވުމުގެ ސަބަބުން، އުޅަނދުފަހަރަށް އެކި ކަހަލަ ދަތިތައް ކުރިމަތިވަމުން ދިޔައެވެ. އަދި އެ ބަނދަރަށް ވަދެ ނުކުތުމަށް ވެސް އެކި ކަހަލަ ދަތިތައް ދިމާވަމުންދިޔައެވެ. ސަރުކާރުން ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވަނީ، މި މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ.
އަދުގެ ސަރުކާރުން ދަނީ، އެމްޓީސީސީއާއި ހަވާލުކޮށްގެން ރާއްޖޭގެ ތަރައްގީއަށް މުހިންމު ބިޔަ މަޝްރޫއުތައް ކުރިއަށްގެންދަވަމުންކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި، އެކި ރަށްރަށުގެ ބަނދަރުގެ މަސައްކަތްތަކާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ކަހަލަ މަޝްރޫއުތައް ހިމެނެއެވެ.