ޚަބަރު
ފިއްލަދޫގެ ޓޫރިޒަމް ޒޯނަށް ބޭނުންވާ ފެނާއި ނަރުދަމާއާއި ގުޅޭގޮތުން ވަޒީރާއެކު މަޝްވަރާތަކެއް
މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ހއ. ފިއްލަދޫގެ ޓޫރިޒަމް ޒޯނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި 22 ޖުލައި 2026 ވަނަ ދުވަހު، ބޭއްވުނު މި ބައްދަލުވުމުގައި ވަޒީރު ޢަލީ ޝަރީފް ވަނީ ކަމާގުޅޭ އިސް ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ އިތުރުން، އެ ވުޒާރާގެ އިސް ބޭފުޅުންނާއި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްއީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީގެ އިތުރުން، ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފް މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.
Minister of Climate Change, Environment and Energy, Ali Shareef, together with senior officials from the Ministry, met with @MWSC_Official Managing Director Hussain Fahmy and Kelaa Constituency MP Abdulla Shareef to discuss the development of water supply and sewerage services… pic.twitter.com/JZzpy2gbbz
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 22, 2026
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފިއްލަދޫގައި ތަރައްޤީކުރުމަށް ރޭވިފައިވާ ޓޫރިޒަމް މަޝްރޫއަށް ބޭނުންވާ، އަސާސީ ފެނާއި ނަރުދަމާގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު މަޝްވަރާކުރުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން، ރަށުގެ ތަރައްޤީއަށް ޓަކައި އިތުބާރު ހިފޭ، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރައިން ވިދާޅުވިއެވެ.
ފިއްލަދޫގެ ޓޫރިޒަމް ޒޯނަކީ އެ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް ޓަކައި ވަރަށް މުހިންމު މަޝްރޫއެއްކަން ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫއު ފެށުމުގެ ކުރިން ބޭނުންވާ ތިމާވެށީގެ ރައްކާތެރިކަމާއި އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާކަން ވެސް ވުޒާރައިން ފާހަގަކުރެއްވިއެވެ.
ވުޒާރައިން އިތުރަށް ވިދާޅުވީ، މި ބައްދަލުވުމަކީ ހއ. ފިއްލަދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރުމާއި އަމަލީ މަސައްކަތް ފެށުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.