ޚަބަރު
ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ: ޚާރިޖީ ވަޒީރު
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ފޮޓޯ: މާލްދީފް
ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމަށް ފައިދާހުރި އިޤްތިޞާދީ ގުޅުންތަކެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ނުހަނު ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ދާދި ފަހުން ކުރިއަށްގެންދިޔަ "ބިޒްނަސް ވެބިނާ" އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ޖަޕާނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޖަޕާނަކީ އިތުބާރާއި އިޙްތިރާމާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއާއި، ކާރިސާތަކުން ރައްކާތެރިވުން އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ.
ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން އިރުތިޝާމް އާދަމް ވިދާޅުވީ، ދުނިޔޭގެ އިންވެސްޓްމަންޓް މާޙައުލަށް އަންނަމުންދާ ބަދަލުތަކާއެކު ވިޔަފާރިތަކުން ބޭނުންވަނީ އިތުބާރު ހުރި ބައިވެރިންނާއި ދެމެހެއްޓެނިވި ފުރުޞަތުތަކެއް އޮތް މާކެޓްތަކެއް ކަމަށެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތް ކުރަމުންދަނީ އެފަދަ މާޙައުލެއް އިންވެސްޓަރުންނަށް ފަހިކޮށްދިނުމަށް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެ ބަލައިގަތް ނަމަވެސް، މިހާރުގެ ރާއްޖެއިން ފަތުރުވެރިކަމުގެ އިތުރުން ގިނަ ފުރުޞަތުތަކެއް ފަހިކޮށްދޭ. އިޤްތިޞާދު ސިންދަފާތު ކުރުމަކީ ސަރުކާރުގެ މުހިންމު އިސްކަމެއް. އިންވެސްޓްމަންޓް މާޙައުލު ވަރުގަދަކުރުމަށާއި، ރެގިއުލޭޓަރީ އޮނިގަނޑު ޒަމާނީ ކުރުމަށް އަދި ވިޔަފާރިކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް އިޞްލާޙީ ބަދަލުތައް ގެންނަމުންދަނީ،
ވަޒީރު
ޖަޕާނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އިޤްތިޞާދުކަން ފާހަގަކުރައްވައި، ޖަޕާނުގެ ކުންފުނިތަކުގެ އީޖާދީ ވިސްނުމާއި ޓެކްނޮލޮޖީގެ ބޭނުން ރާއްޖޭގެ ތަރައްޤީއަށް ހިފުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކުރުމަށްޓަކައި ދެޤައުމަށް ފައިދާހުރި ގޮތްތަކަކަށް މަގުފަހިކޮށްދޭންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ވެބިނާގައި ރާއްޖެއިން މިހާރު އިސްކަންދޭ މުހިންމު ދާއިރާތަކުގެ މަޢުލޫމާތު ވަނީ ޖަޕާނުގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ބަންކަރިންގ، މެރިޓައިމް ޚިދުމަތްތައް، އިއާދަކުރަނިވި ހަކަތަ، މާލީ ޚިދުމަތްތައް، ސިނާޢީ ތަރައްޤީ، ޚާއްޞަ އިޤްތިޞާދީ ޒޯންތައް، ޑިޖިޓަލް ވިޔަފާރި، އީ-ކޮމާސް އަދި ކްރިއޭޓިވް އިކޮނޮމީ ފަދަ ދާއިރާތައް ހިމެނެއެވެ. މި ވެބިނާގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލާއި، ބޭރުގެ އިންވެސްޓަރުންނަށް އެހީތެރިވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ވަނީ ހާމަކޮށްދީފައެވެ.