Ads by Farudhun

ޚަބަރު

މިނިވަންދުވަހުގެ މުނާސަބަތުގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

މިނިވަންދުވަހުގެ މުނާސަބަތުގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

މިނިވަންދުވަހުގެ ހަރަކާތްތަކަށް ސްކޫލް ދަރިވަރުން ފަރިތަ ކުރަނީ ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖުލައި 2026، 04:28

23 ޖުލައި 2026، 04:28

 ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާކަން ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އާމިރާ އިސްމާޢީލް ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވާ ހުކުރު ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ. އެއަށްފަހު، އެ ދުވަހުގެ ހެނދުނު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވޭނެއެވެ.

އެ ދުވަހުގެ ރޭގަނޑު 8:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑާއި، ޤައުމީ ކެޑޭޓު ކޯގެ ހަރަކާތްތަކުގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ކުރިއަށްދާނެއެވެ. އަދި ރާއްޖޭގެ މަޝްހޫރު ނަށާ ގްރޫޕްތަކާއި ބޮޑުބެރު ގްރޫޕްތަކުގެ ހުށަހެޅުންތައްވެސް މި ހަރަކާތުގެ ތެރެއިން ފެނިގެންދާނެ ކަމަށް އާމިރާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ "މިނިވަން ރަން" އަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ. 5 ކިލޯމީޓަރުގެ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހުއެވެ. މި ރަންގައި 2000 މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެމްއެންޑީއެފްގެ ފަރާތުން ކެޕްޓަން އިސްމާޢީލް އަޙްމަދު ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހަށް ސިފައިން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށާއި، މިނިވަން ދުވަހު ހުށަހަޅައިދޭ އަސްކަރީ އައިޓަމަކީ ވަރަށް ވަރުގަދަ އަދި ތަފާތު އައިޓަމަކަށް ވެގެންދާނެ ކަމަށެވެ.

މި ހަރަކާތްތަކުގެ އިތުރުން، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން މިނިވަން ދުވަހާ ގުޅޭ ޚާއްޞަ ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450