Ads by Farudhun

ޚަބަރު

މިއަހަރު އަލަށް ތާރަފްކުރާ ޚިދުމަތްތަކާއެކު ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ: ސީއީއޯ ހަލީމް

މިއަހަރު އަލަށް ތާރަފްކުރާ ޚިދުމަތްތަކާއެކު ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ: ސީއީއޯ ހަލީމް

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގް ހަލީމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 ޖުލައި 2026، 07:15

23 ޖުލައި 2026، 07:15

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ބޭރު ގައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ތެރޭގައި މުހިންމު އައު ޚިދުމަތްތަކެއް ތައާރަފްކުރެވިގެންދާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ސީއީއޯ ހަލީމް މިއަދު ސޯޝަލް މީޑިއާގައި  ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ޚިދުމަތް ކުރުމަށް، މި އަހަރުގެ މިހާތަނަށް 16 ދިވެހި ޑޮކްޓަރުން ތަމްރީނު ފުރިހަމަކޮށް ޚިދުމަތާ ގުޅިފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުގެ ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނޭކަން  ފާހަގަކުރެއްވިއެވެ.

އަލަށް ގުޅުނު ޑޮކްޓަރުންގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ފަދަ ރާއްޖެއަށް އައު ދާއިރާތަކުން ތަމްރީނުވެފައިވާ ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުން ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީ.އެން.ޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން ވެސް އިތުރު ޑޮކްޓަރުން ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ހަލީމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީއާއި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތައާރަފްކުރެވޭނެ ކަމަށެވެ. އަދި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް ފެށިގެންދާނެ ކަމަށްވެސް  ވިދާޅުވިއެވެ.

މިއީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،

     ހަލީމް 

ސީއީއޯ ހަލީމް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރައްވައި، ކުރިން ރާއްޖެއިން ލިބެންނެތް ޚިދުމަތްތައް ހަމަޖައްސަވައިދެއްވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ހުރިހާ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް ސާބަސް ދެއްވައި، ހޮސްޕިޓަލްތަކަށް ވަޑައިގަންނަވާ ރައްޔިތުންނަށް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ.




Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450