ޚަބަރު
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ޚާއްޞަ މުނާސަބަތަށް ސަޢޫދީގެ ޕްރިންސް ޑޮކްޓަރ މަންޞޫރު ރާއްޖެ ވަޑައިގެންފި
ސައުދީ ރަސްގެފާނުގެ މަންދޫބު، ޕްރިންސް ޑރ. މަންސޫރު ރާއްޖެ ވަޑައިގަތުން - ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ ވަޑައިގެންފިއެވެ.
ޕްރިންސް ޑޮކްޓަރ މަންޞޫރުގެ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާއި، މިނިވަން ދުވަހުގެ ހާއްސަ ފުޅަނދުބުރާއި، ސިފައިންގެ ޕެރޭޑް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ. އެމަނިކުފާނުގެ ޝަރަފުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް އަޚުވަތްތެރި ގުޅުން ރަމްޒުކޮށްދޭ އަދި ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ސަޢޫދީ ސަރުކާރުން ބައިވެރިވާކަން ހާމަކޮށްދޭ މުހިންމު ދަތުރުފުޅެކެވެ.