ޚަބަރު
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް ބަސް ރޫޓުތަކަށް ބަދަލު ގެންނަނީ
އެމްޓސީސީ ބުިލްޑިންގ - ފޮޓޯ: ޕީއެސްއެމް
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ތަފާތު ހަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް ސަރަހައްދުތަކުގެ ބަސް ދަތުރުތަކަށް ބަދަލު ގެނައުމަށް އެމްޓީސީސީ އިން ނިންމައިފިއެވެ.
އެމް.ޓީ.ސީ.ސީ އިން މައުލޫމާތު ދޭ ގޮތުގައި، 26 ޖުލައި 2024 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ސަބަބުން ބައެއް ރޫޓުތަކުގެ ޚިދުމަތް މެދުކަނޑާލުމާއި، ރޫޓުތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ގެނެވޭ ބަދަލުތަކުގެ ތެރޭގައި، އޯކިޑް ރޫޓް (R10) އަދި އަމީނީ ރޫޓް (R11) ގެ ބަހުގެ ޚިދުމަތް އެ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ނުވަތަ އިވެންޓް ނިމެންދެން މެދުކަނޑާލެވޭނެއެވެ.
މީގެ އިތުރުން، އެ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން، ރޫޓް 2 އަދި ރޫޓް 8 ގެ ބަސްތައް ކާނިވަލް ސަރަހައްދަށް ދަތުރެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި މި ދެ ރޫޓުގެ ބަސްތައް ދަތުރު ނިންމާލާނީ މާފަންނު ބަސް ޓާމިނަލަށެވެ. އަދި މާފަންނު ބަސް ޓާމިނަލަށް ކުރާ މި ދަތުރުތަކުގައި ރޫޓް 10 ގެ ބަސް ހުއްޓިތަކަށްވެސް ބަސް މަޑުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ބަދަލުތަކަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި މަގުތަކުގެ ޓްރެފިކް ފްލޯއަށް އަންނަ ބަދަލުތަކާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމަށް ގެނެވޭ ބަދަލުތަކެކެވެ. ބަސް ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމް.ޓީ.ސީ.ސީ އިން އިލްތިމާސްކުރެއެވެ.