Ads by Farudhun

ޚަބަރު

މިނިވަންކަން ދުނިޔެއިން ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން: ހީނާ

މިނިވަންކަން ދުނިޔެއިން ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން: ހީނާ

މިނިސްޓރު ހީނާ ވަލީދު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ޖުލައި 2026، 12:02

26 ޖުލައި 2026، 12:02

ދިވެހިންނަކީ މުސްތަގިއްލު ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރާއިރު، އެކަން ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ދިވެހިންގެ އަމިއްލަވަންތަކަން ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

 ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ މިނިވަންކަމަކީ ހަމައެކަނި ދެ ގައުމެއްގެ ދެމެދުގައި ވެވޭ ގާނޫނީ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ އެ ބައެއްގެ ކިބައިގައި ހުންނަ ހާއްސަ ސިފަތަކަށް ދުނިޔެއިން ކުރާ އިހުތިރާމާއި އިއުތިރާފުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިވަންދުވަހުގެ ތާރީހީ މުހިންމުކަމަށް އިޝާރާތްކުރައްވަމުން ހީނާ ވިދާޅުވީ، މިއީ ހަމައެކަނި ކަލަންޑަރުގައި ޖަހާފައިވާ ތާރީހެއް ނޫން ކަމަށާއި، މިއީ އެތައް ބައެއްގެ ގުރުބާނީ އާއި، ތެދު ނިޔަތާއި، ގަދަ ހިތްވަރާއި، ހިންމަތުން ހާސިލުކުރެވުނު މަތިވެރި ނިއުމަތެއްގެ ހަނދާންތައް އާކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުނު ނަމަވެސް، ދިވެހިންގެ މިނިވަންކަމަކީ އެތައް ހާސް އަހަރެއްގެ ދިގު ތާރީހެއް އޮތް ކަމެއްކަން ހީނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ގައުމިއްޔަތު އާލާކޮށް، މިނިވަންކަން ހިމާޔަތްކުރުމުގެ ވަރުގަދަ އަޒުމަކާއެކު ވަޑައިގަތް ބޭފުޅެއް ކަމަށެވެ. މިއީ މި ސަރުކާރުން ގައުމުގެ މިނިވަންކަމަށް ދޭ އިސްކަން ހާމަވާ ކަމެއްގެ ގޮތުގައި ހީނާ ސިފަކުރެއްވިއެވެ.

ތާރީހުގެ ހިތްދަތި ސަފުހާތަކަށް ބައްލަވަމުން ހީނާ ފާހަގަކުރެއްވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކު އޭގެ ފަހަތުގައި ދިވެހިންގެ ބަޔަކު ބައިވެރިވެފައިވާ ކަމެވެ. އެހެންކަމުން، މިނިވަންކަން ދެމެހެއްޓޭނީ މާޒީގެ މިފަދަ ހާދިސާތަކުން ފިލާވަޅާއި އިބުރަތް ހާސިލުކޮށް، ޒުވާން ޖީލުތަކަށް މިނިވަން ފިކުރު ވާރުތަކޮށްދީގެން ކަމަށެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، އަލްމަރްހޫމް އިބްރާހީމް ޝިހާބުގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި، ވަޒީރު ވަނީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަވުމަށް ހުރިހާ ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ގައުމިއްޔަތަށް އޭގެ ހައްގު މަގާމު ހޯދައިދީ، މިނިވަންކަން ދާއިމަށް ދެމެހެއްޓުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450