ދުނިޔެ

ޣައްޒާގެ ފޭލިގެއެއް ކަރާޓީ ތަމްރީނު މަރުކަޒަކަށް!

ޣައްޒާގެ ފޭލިގެއެއް ކަރާޓީ ތަމްރީނު މަރުކަޒަކަށް!

ފޭލިގޭގައި ހިންގާ ކަރާޓީ ތަމްރީނު މަރުކަޒު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2026، 07:35

26 ޖުލައި 2026، 07:35

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުމުގެ ތެރެއިން، ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގެ ފޭލިގެއެއް ވަނީ މުޅިން ތަފާތު ތަނަކަށް ބަދަލުކޮށްލާފައެވެ. އެއީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ތިބި ކުޑަކުދިންނަށް ހިތްވަރާއި އުންމީދު އާކޮށްދޭ ކަރާޓީ ތަމްރީނު މަރުކަޒެކެވެ.

މާޝަލް އާޓްސް ކޯޗެއް ކަމަށްވާ ޚަލީލް އިޔާދު އިސްނަގައިގެން، ފޭލިގެއެއްގައި ފަށާފައިވާ މި ކަރާޓީ ކްލާސްތަކަކީ ގެދޮރު ގެއްލިފައިވާ އެތައް ކުދިންނަކަށް ލިބިފައިވާ ހިތްހަމަޖެހުމެކެވެ. ހަނގުރާމައިގެ ސަބަބުން މަދަރުސާތައް ހަލާކުވެ، ކުޅިވަރު ކުޅޭނެ މާހައުލެއް ނެތް މި ދަނޑިވަޅުގައި، ޚަލީލް ވަނީ ވަރަށް މަދު ވަސީލަތްތަކާއެކު މި ފޭލިގެ ކަރާޓީ މަރުކަޒެއްގެ  ގޮތުގައި ބޭނުންކުރަން ފަށާފައެވެ.

ކޯޗު ޚަލީލް ގަބޫލުކުރާ ގޮތުގައި، ކަރާޓީގެ ސަބަބުން ކުދިންގެ ނަފްސާނީ ހާލަތު ރަނގަޅުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. "މިއީ ހަމައެކަނި ކުޅިވަރެއް ނޫން. މިއީ މި ކުދިންގެ ހިތްތަކުގައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަކޮށް، އަދަބު އަޚްލާގާއި ކެތްތެރިކަން ދަސްކޮށްދޭ ތަމްރީނެއް،" ކޯޗު ބުންޏެވެ. ފޭލިގެ ތެރޭގައި ކަރާޓީ ޔުނިފޯމް އަޅައިގެން ތިބެ، ކުޑަކުދިން ކަރާޓީގެ އުކުޅުތަކާއި ހަރަކާތްތައް ފަރިތަކުރަމުންދާ މަންޒަރަކީ، ވަށައިގެން އިވޭ ގޮވުންތަކާއި ފެންނަ ބިރުވެރި މަންޒަރުތަކުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެކުދިން ދުރުކޮށްދޭ ކަމެކެވެ.

ނަފްސާނީ ދާއިރާގެ މާހިރުން އިންޒާރު ދޭ ގޮތުގައި، ދިގުލައިގެންދާ ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނަފްސާނީ ބަލިތަކާއި، ހާސްކަމާއި، "ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް"  އިން ސަލާމަތްވުމަށް މިފަދަ ހަރަކާތްތަކަކީ ކޮންމެހެން މުހިންމު ކަންކަމެވެ. ޣައްޒާގެ އެކި ހިސާބުތަކުގައި ދަރުމަވެރިން އިސްނަގައިގެން "ފޭލިގެ މަދަރުސާތައް" ހިންގަމުންދާއިރު، ޚަލީލްގެ މި ކަރާޓީ ކްލާސްތަކަކީ ވެސް މިފަދަ އިންސާނީ މަސައްކަތެކެވެ.

މި ކްލާސްތަކުގައި ބައިވެރިވާ ކުދިންނަށް ކަރާޓީއަކީ ހަމައެކަނި ކަސްރަތެއް ނޫނެވެ. އެއީ އެކުދިންގެ މެދުގައި އޮތް އެކުވެރިކަން ވަރުގަދަކޮށް، މާޔޫސްކަމުގެ ތެރެއިން އުންމީދު އާކޮށްދޭ ކަމެކެވެ. ކޯޗު ޚަލީލް އިޔާދުގެ މި ހިތްވަރުގަދަ މަސައްކަތުން ސާބިތުކޮށްދެނީ، ހަނގުރާމައިގެ އެންމެ ދަތި ދަނޑިވަޅުގައި ވެސް، ކުޑަކުދިންގެ މުސްތަގުބަލާއި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކޮންމެ ފަދަ ތަނެއްގައި ވެސް އުންމީދުގެ ދަންމަރެއް ރޯކުރެވިދާނެ ކަމެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450