ދުނިޔެ
އީރާނުގެ މުދާއުފުލާ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދީފި
މުދާއުފުލާ ބޯޓެއް ރޯވެ އަަނދަނީ
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ މުދާއުފުލާ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދީފައިވާ ކަމަށް ބުނެ، ތެހެރާނުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
އީރާނުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން އުޅަނދުގައި ބާރުގަދަ ގޮވުމެއް ގޮވައި، އެކަކު މަރުވެ އިތުރު މީހަކު ވަނީ ޒަޚަމްވެފައެވެ. މި ހިތާމަވެރި ޙާދިސާއާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ތެހެރާނުގައި ހުންނަވާ ޔޫކްރެއިންގެ އެމްބަސީގެ އެންމެ އިސް އޮފިޝަލު އެ ވުޒާރާއަށް ހާޒިރުކޮށް، ރަސްމީކޮށް ނުރުހުން ފާޅުކޮށްފައެވެ.
އީރާނުން މި ހަމަލާ ސިފަކޮށްފައި ވަނީ "ޢަދާވާތްތެރި އަދި ޖިނާޢީ" ޢަމަލެއްގެ ގޮތުގައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ތުހުމަތުކުރާ ގޮތުގައި، މި ހަމަލާއަކީ ޔޫކްރެއިން ސަރުކާރުގެ އިސްވެރިންގެ ސީދާ އިޒުނައާއެކު ދީފައިވާ ހަމަލާއެކެވެ. މިއީ އީރާނާ މެދު ޔޫކްރޭނުން ގެންގުޅޭ ދެކޮޅުވެރިކަމުގެ ސިޔާސަތުގެ ހެއްކެއް ކަމަށާއި، ޤައުމީ މަސްލަޙަތު ދިފާޢުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި ހަމަލާއަކީ އދގެ ޗާޓަރުގައި ބަޔާންކުރާ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ.
އަލްޖަޒީރާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ދެކުނު އައްސޭރިފަށުގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، އުތުރުގެ ކެސްޕިއަން ކަނޑުގައި މިފަދަ ހަމަލާތައް ދިނުމަކީ އީރާނުގެ ކަނޑުގެ ވިޔަފާރިއަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގައި އެ ޤައުމުން އެއްވެސް ކޮޅަކަށް ބުރަނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤިޗީ ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސްއާ ފޯނުން ގުޅުއްވައި، ކެސްޕިއަން ކަނޑުގައި ޔޫކްރޭނުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ކެސްޕިއަން ކަނޑުގައި އީރާނުގެ އަސްކަރީ މުދާ އުފުލާ އުޅަނދުތަކާއި މަނަވަރަކަށް ޢަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޒެލެންސްކީ ސީދާ އީރާނުގެ ވިޔަފާރި އުޅަނދުގެ ނަން ފާހަގަކުރައްވާފައެއް ނުވެއެވެ.
ޒެލެންސްކީ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ރަޝިޔާއިން ދަނީ ގަލްފުގެ ޤައުމުތަކާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސެޓެލައިޓް ފޮޓޯތައް އީރާނަށް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ބަޙްރޭން، އުރުދުން އަދި ކުވޭތުގައި ހުރި އަސްކަރީ ވައިގެ މަރުކަޒުތަކުގެ މަޢުލޫމާތު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.