ދުނިޔެ
އީރާނުގެ ދާޚިލީ ކަންކަމާ ބެހޭކަމުގެ ތުހުމަތުގައި ފަރަންސޭސި ސަފީރު ހާޒިރުކޮށްފި
އީރާނުގައި ހުންނަވާ ފަރަންސޭސި ސަފީރު
އީރާނުގެ ސަލާމަތީ ބާރުތަކުން ފަރަންސޭސިވިލާތުގެ ދެ ޑިޕްލޮމޭޓަކު ހިފަހައްޓާފައިވާ މައްސަލައާއި، އެ ގައުމުގެ ދާޚިލީ ކަންކަމަށް ފަރަންސޭސިވިލާތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، އީރާނުގައި ހުންނަވާ ފަރަންސޭސި ސަފީރު އެ ގައުމުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތަފާތު ނަންނަމުގައި އީރާނުގެ ދާޚިލީ ކަންކަމާ ބެހުމާއި، މިފަދަ އަމަލުތައް ހިންގުން ފަރަންސޭސި ސަރުކާރުން ވަގުތުން ހުއްޓާލަންޖެހޭނެ ކަމަށް ސަފީރަށް އަންގާފައިވާ ކަމަށެވެ. އަދި މި ޑިޕްލޮމޭޓުން އަމަލުކޮށްފައިވަނީ މަދަނީ ޖަމިއްޔާތަކާ ގުޅުން ބަދަހިކުރުމުގެ ނަމުގައި، ނަމަވެސް އެއީ އީރާނުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލުތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. ފަރަންސޭސިވިލާތުގެ ދެ ޑިޕްލޮމޭޓަކު ހިފަހައްޓައި، އެތައް ގަޑިއިރެއް ވަންދެން ސުވާލުކުރުމަށްފަހު ފަހުން ވަނީ އެމްބަސީއަށް ދިއުމުގެ ހުއްދަ ދީފައެވެ. ނަމަވެސް، އޭގެ ތެރެއިން އެއް ޑިޕްލޮމޭޓަކު ވަނީ އޭނާއަށް ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ފަރަންސޭސި ފޮރިން މިނިސްޓަރު ޖީން-ނޮއެލް ބަރޮޓް ވިދާޅުވީ، މިއީ ބިރުދެއްކުމުގެ ގޮތުން ހިންގާފައިވާ ވަރަށް ސީރިއަސް އަމަލެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުމަށް ވަނީ އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ.