Ads by Farudhun

ޚަބަރު

އެމްޑީޕީން ވެރިކަން ކުރީ ތަފާތުކުރުމާއި ބިރުދެއްކުމުގަ ފަލާހު

އެމްޑީޕީން ވެރިކަން ކުރީ ތަފާތުކުރުމާއި ބިރުދެއްކުމުގަ ފަލާހު

އެމްޕީ އިބުރާހިމް ފަލާހު މަޖިލީހުގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

28 ޖުލައި 2026، 02:39

28 ޖުލައި 2026، 02:39

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގައިވެސް އަމަލުކޮށްފައިވަނީ ވަޒީފާތަކުން މީހުން ވަކިކޮށް، ސިޔާސީ ފިކުރު ތަފާތު މީހުންނަށް ބިރުދެއްކުމާއި ތަފާތުކުރުން ގެންގުޅުމުގެ ސިޔާސަތެއްގެ ދަށުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މެންބަރު ފަލާހު މިހެން ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ބޭނުމަށް މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ތާރީޚަށް ބަލާއިރު، ފިކުރު ތަފާތުވުމުގެ ސަބަބުން ޖުމްލަ 751 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ ވެރިކަމުގައި 330 މީހުން އަދި 2018 ވަނަ އަހަރުގެ ވެރިކަމުގައި 421 މީހުން ނުހައްގުން ވަޒީފާއިން ވަކިކުރި ކަމުގެ ހިސާބުތައް އޭނާ ހާމަކުރެއްވިއެވެ.

"އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިމަތީގައި ޕޯޑިއަމްގައި ހުންނަވައި ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްނުވާ މީހުންނާ މެދު ކުޅިދައްކާލާނަމޭ. ތިމަންނަމެން އަމަލުކުރާނީ ވަރަށް ތަފާތު ބޮޑު ގޮތަކަށޭ އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއި ނުކުރާ މީހުންނާ ދޭތެރޭ. އެ ބޭފުޅުން އަމަލުކުރެއްވީވެސް އެމަގުން،"

 ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީން ވަނީ އެ ޕާޓީގެ ލީޑަރޝިޕަށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ނުއަގުގައި ބަހާލައި، ގައުމުގެ މުއްސަނދިކަން ވަކި ބަޔަކަށް ބަހާލުމުގެ ތަފާތުކުރުން ގެންގުޅެފައެވެ. އަދި ކުދި ވިޔަފާރިތައް ހީނަރުކޮށް، ރައްޔިތުން ސަރުކާރުގެ ވަޒީފާއަށް ބަރޯސާވާންޖެހޭ ހާލަތު އުފެއްދީވެސް އެމްޑީޕީން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"2008 ވަނަ އަހަރުގައި އެމްޑީޕީ ވެރިކަމުގައި އެދިޔަ ގާތްގަނޑަކަށް ދެ އަހަރު ދުވަސްތެރޭ 330 މީހުން ސަރުކާރު ކުންފުނިތަކާއެކު އެހެން ޕާޓީތަކަށް ނިސްބަތްވޭ ކިޔައި ވަޒީފާއިން ވަކިކޮށްފައި އެބަހުރި. 2018ގައި އެމްޑީޕީގެ ވެރިކަން ނިންމައިލިއިރު 421 މީހުން ނަހައްގުން ވަޒީފާއިން ވަކިކޮށްފަައި ހުރި،"

 ފަލާހު ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން ބަޖެޓު ހުސްކޮށްލައިގެން ކޮންމެ އަހަރަކު ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވީ ދެ އަހަރު ތެރޭގައި އެފަދަ ބަޖެޓެއް ހުށަހަޅަން ޖެހިފައިނުވާ ކަމަށެވެ. މިއީ މި ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ސިޔާސީ ފިކުރަކަށް ބަލައިގެން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ގަރާރުގައި އެފަދަ މީހުންގެ ތަފްސީލެއް ދެއްކެން ނެތީ، އެފަދަ ކަމެއް ހިނގާފައި ނުވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450