ޚަބަރު
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ލ ގަން
ލ. ގަމުން އުމުރުން 20 އަހަރުގެ ދިވެހި ޒުވާނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ޒުވާނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:14 އެހައިކަންހާއިރުއެވެ. އެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދާ ޒުވާނާގެ އެންމެ ފަހުގެ ޚަބަރެއް ވެފައިވަނީ ރޭ މެންދަމު 2:00 ހާއިރު ކަމަށެވެ. އޭގެ ފަހުން އޭނާގެ އެއްވެސް މައުލޫމާތެއް އާއިލާއަށް ލިބިފައެއް ނުވެއެވެ.
އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ޒުވާނާ ދުއްވި ސައިކަލު މިހާރު ވަނީ ފެނިފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި ސައިކަލު ފެނިފައިވަނީ ލ. ގަމުގެ ރިވެރީޒް ބީޗް ސަރަހައްދުންނެވެ.
މި ޒުވާނާ ހޯދުމަށް ފުލުހުންގެ ޓީމުތަކުން އެ ސަރަހައްދުގައި ކެނޑިނޭޅި ހަރަކާތްތެރިވަމުންދާއިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.