ޚަބަރު
އިޒްރޭލުގެ ދިފާއުގައި ދެއްކެވި ވާހަކަފުޅުތައް ހަނދާން ނައްތާލައި، ރޭގެ ޖަލްސާގައި ހެދީ ހުސް ބުހުތާން ދޮގު
ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ފަރުދުން
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކަކީ ހަގީގަތާ ޚިލާފު، އަމިއްލަފުޅު މާޒީ ފޮރުވުމަށްޓަކައި ހެއްދެވި ބޮޑެތި ދޮގުތަކެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.
ރޭގެ ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީން ދުވަހަކުވެސް އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ފާޅުގައި އިޒްރޭލަށް ތާއީދުކޮށް، އެ ގައުމާއެކު ގުޅުން ބަދަހިކުރުމަކީ "ބުއްދިވެރި ގޮތް" ކަމަށް ވިދާޅުވެ ޕޯޑިއަމްތަކުގައި ވަކާލާތު ކުރައްވާފައެވެ.
"ކާކުތޯ ހަދާން ނެތޭނީ، ކާކުތޯ އިސްރާއީލަށް ތާއީދުކުރާނީ. އެމްޑީޕީއެއް ނުކުރާނެ. އިސްރާއީލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި ތާއަބަދު މަސައްކަތްކުރަމުންދާ ފަލަސްތީނާއެކު. "
ނަޝީދު ރޭގެ ހަރުގެ ޖަލްސާގައި ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންވެސް އެ ވިސްނުމަށް ތާއީދުކުރާނެ ކަމަށާއި ގައުމުތަކުގެ މެދުގައި ތަފާތުކޮށް ވަކިގައުމަކާ ގުޅުން ބަދަހިނުކޮށް ބޭއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ނަޝީދު ވަނީ ވިދާޅުވިއެވެ. އެދަރަޖައަށް ރާއްޖެ ދާކަށް ނޭދޭ ކަމަށާއި އިސްރާއީލާއެކޫ ގުޅުން ބަދަހިކުރުމަކީ އެއްވވެސް ގެއްލުމެއް އޮތް ކަމެއް ނޫން ކަމަށް އޭރު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އިސްރާއީލާއެކީ ބައިނަލްއަގުވާމީ ގުޅުން އުފެއްދުމަކީ ދީނީ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ކަމެއް ކަމަށް ވިދާޅުވި. އެހންކަމުން އެމްޑީޕީން އިސްރާއީލާއެކު ގުޅުން ބަދަހިކުރަން ތާއީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
"ފަލަސްތީނު އިސްރާއީލް ގަބޫލުކުރޭ، ދެން އަޅުގަނޑުމެން އެކަން ނުކޮށް ކިއްކުރަންތޯ އުޅެންވީ. އަޅުގަނޑުމެންނަށް އެބައޮތްތޯ އެކަން ގަބޫލުނުކޮށް އުޅުމުގެ މާބޮޑު ބުއްދިވެރިކަމެއް ބޭނުމެއް؟ ނެތް. އިސްރާއީލާ އެކީ ގުޅުން ބަދަހިކުރުމުގައި އަޅުގަނޑުމެންގެ މައިގަނޑޫ ވިސްނުމަކީ އެއްވެސް ގައުމަކާ ގުޅުން ބަދަހިނުކޮށް ބޭއްވުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް އެއްވެސް މީހަކާ ވާހަކަނުދައްކާ ތިބުމަކީ. ގައުމެއްގެ ސިޔާސަތުގައި އެ ވިސްނުން ގެންގުޅުމަކީ އަޅުގަނޑޫމެންނަށް ފެންނަ ފެނުމުގައި ބުއްދިވެރި ރަނގަޅު ގޮތެއް ނޫން."
ނަޝީދު ރައީސުލްޖުމުހޫރިއްޔާ ކަމުގައި ހުންނަވައިގެން ވިދާޅުވިއެވެ.
މިފަދަ ސާފު ހެކިތައް ހުއްޓައި، ރޭގެ ޖަލްސާގައި އެމްޑީޕީއަކީ އިޒްރޭލާ ދެކޮޅު ބައެއްގެ ގޮތުގައި ސިފަކުރެއްވުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ގަލްފުގެ އިސްލާމީ ގައުމުތަކަށް ބޮންއަޅަން ގޮވާލެއްވި ކަމަށް ވިދާޅުވެ ނަޝީދު ހެއްދެވި އިތުރުފުޅުތަކަކީވެސް އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސައޫދީ އަަރަބިއްޔާ އާއި ޔޫއޭއީ ފަދަ ގައުމުތަކަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިން ކަމަށްވާއިރު، އެ ގައުމުތަކާ ރާއްޖެއާ ޖެއްސުމަށް ނަޝީދު މިފަދަ ދޮގު ވާހަކަތަކެއް ފެތުރުއްވުމަކީ ގައުމީ މަސްލަހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެވެއެވެ.
އާންމު ރައްޔިތުންގެ މެދުގައި ނަޝީދަކީ "ބަހާއި އަމަލާ ދިމާނުވާ" އަދި ދައްކަވާ ވާހަކަފުޅު ހަނދާން ނެތޭ ބޭފުޅެއްގެ ގޮތުގައި މިހާރު ވަނީ މަޝްހޫރުވެފައެވެ. މަޖިލިސް ރައީސްކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވެ އެކަމަށް މަސައްކަތް ކުރެއްވުމާއި، ވެރިކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވެ އަނެއްކާވެސް ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވުމަކީ މީގެ ހެކިތަކެވެ.
ރޭގެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކުން އެނގިގެންދަނީ، ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކައި ކޮންމެފަދަ ބޮޑު ދޮގެއް ހަދަންވެސް އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ ކަމެވެ. އިޒްރޭލުގެ އެހީތެރިކަން ހޯދަން މީގެ ކުރިން އުޅުއްވި ބޭފުޅަކު، މިއަދު ފަލަސްތީނުގެ ނަމުގައި ސިޔާސީ ކުޅިވަރު ކުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ދިވެހިން ދަނީ ބުނަމުންނެވެ.
އަލިކޮއްކޮ
30/07/2026 13:32
އެކަމަކު ކައްޒާބު މިކިޔަނީ އެހެން މީހަކަށް! ދެން ދުވަސް ކޮޅަކުން ކިޔާނީ ތިމަންނަ ބުނީ މިޔުޒިކު ހަރާމޭ އެންމެން ޖަމާއަތަށް ނަމާދަށް ދާށޭ އެވެ.