ޚަބަރު
ދުލުގައި ހިފައި ދަމާތީ އެއްޗެއް ބުނަން މަޖުބޫރުވީ - މުންދު
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް - ފޮޓޯ: ރައީސް އޮފީސް
އިސްރާއީލުގެ މައްސަލައިގައި އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ފަލަސްތީނުގެ ނަމުގައި ހަގީގަތާ ޚިލާފު ވާހަކަދައްކައި "ދުލުގައި ހިފައި ދަމާތީ" މާޒީގައި ހުރި ތާރީޚީ ހަގީގަތްތައް ހާމަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
މުންދު މިހެން ވިދާޅުވީ، ރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީއަކީ އިސްރާއީލަށް ތާއީދުކުރާ ބައެއް ނޫން ކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު ދެއްކި ވާހަކަތަކާ ގުޅިގެން، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕޯޑިއަމްގައި ހުރެ ތަޅާނެ އަނގައެއް ތަޅާ. މައިކެއް ލިބުނީމާ ހަދާނެ ދޮގެއް ހަދާ. އެއްޗެއް ނުބުނެ ހުރެވޭތޯ ބަލާނަން. އެކަމަކު ފަލަސްތީނޭ ކިޔާ، ދުލުގައި ހިފައިގެން ދަމާތީ އެއްޗެއް ބުނަން މަޖުބޫރުވީ،"
މުންދު ވިދާޅުވިއެވެ.
މުންދު ވަނީ އެމްޑީޕީގެ ވެރިކަމުގައި އިސްރާއީލާއެކު އޮތް ގާތް ގުޅުން ހާމަކުރައްވާފައެވެ. އެގޮތުން މުންދު ވިދާޅުވީ 1974 ވަނަ އަހަރުން ފެށިގެން މެދުކަނޑާލާފައި އޮތް ރާއްޖެ-އިސްރާއީލުގެ ގުޅުން 2009 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި އަލުން އިއާދަކުރިކަމަށެވެ. އަދި އެ އަހަރު ރާއްޖޭގެ ޚާރިޖީ ވަޒީރު އިސްރާއީލަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމާއި، ފަތުރުވެރިކަމާއި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތަކުގައި ސޮއިކުރިކަންވެސް މުންދު ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، 2010 ވަނަ އަހަރު އިސްރާއީލުގެ 'އައި ފްރޮމް ޒަޔޯން' ގެ ޑޮކްޓަރުން ރާއްޖެ ގެނެސް، ރައީސް އޮފީހުގައި އެމީހުންނަށް މަރުހަބާ ކިޔައި ސައިދީ، ސަނާކީ ހާދިސާއަށްވެސް މުންދު އަލިއަޅުވާލެއްވިއެވެ. އޭނާ ވިދާޅުވީ 2011 ވަނަ އަހަރު ޔުނެސްކޯގައި ފަލަސްތީނަށް މެންބަރުކަން ދިނުމަށް ވޯޓަށް އެހި ވަގުތު، އެމްޑީޕީ ސަރުކާރުގެ ވަފުދު ވޯޓުގައި ބައިވެރިނުވެ އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށެވެ.
މުންދު މި ރައްދު ދެއްވީ ރައީސް ނަޝީދު އިސްރާއީލަށް ތާއީދުކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވާ ވީޑިއޯއެއްވެސް ހިއްސާ ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ ސިޔާސީ މަންފާއަށްޓަކައި ހަގީގަތް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.