ޚަބަރު
ކޮންސްޓްރަކްޝަން ސައިޓްތަކުން ރައްކާތެރި ފިޔަވަޅު އަޅައި އާންމުން ވެސް ރައްކާތެރިވޭ: އެޗްޑީސީ
ހުޅުމާލެ
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، މަގުމައްޗަށް ނިކުމެ އުޅޭއިރު އާންމުން ސަމާލުކަން ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ މަގުމައްޗަށް ވެއްޓޭ ގަސްތައް ނަގައި ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތް ކުރާ ސައިޓްތަކުގައި ހުރި ތަކެތި ރައްކާތެރިކުރުމަށާއި، ވަޔާ އެކު ވިހުރިގެން ގޮސްދާނެ ތަކެތިން ރައްކާތެރިވުމަށް ވަނީ އިރުޝާދު ދީފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވީ، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓަރަފްގެ ސަބަބުން، ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދެއްގެ ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.