ޚަބަރު
މިފްކޯ މަސްފިހާރަ ހުކުރު ދުވަހު ވެސް ހުޅުވަނީ
މިފްކޯ މަސްފިހާރަ/ފޮޓޯ: އަސްލު މީޑިއާ
މިފްކޯ މަސްފިހާރަ ހުކުރު ދުވަހު ވެސް ހުޅުވާގޮތަށް ހަމަޖައްސައި، ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މިއީ މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެމެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނިން ނިންމާފައިވާ ނިންމުމެއް ކަމަށް މިފްކޯއިން ބުނެއެވެ. އަދި 1 އޮގަސްޓް 2026 އިން ފެށިގެން ހުކުރު ދުވަހު ރީޓެއިލް ފިހާރަތައް ހުޅުވާނެ ކަމަށާއި، ވިޔަފާރިކުރާ ގަޑިތަކަށް ވެސް ބޮޑު ބަދަލެއް ގެނައުމަށް ނިންމައިފައިވާކަން އެ ކުންފުނިން ހާމަކުރެއެވެ.
މި ބަދާލާއި ގުޅިގެން ހުކުރު ދުވަސްތަކުގެ ހެނދުނު 08:30 އިން 10:30އަށް އަދި ރޭގަނޑު 08:00 އިން 11:00އަށް ފިހާރަތައް ހުޅުވިފައި ހުންނާނެއެވެ.
ހަފްތާގެ އެހެން ދުވަސްދުވަހު، ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 08:30 އިން ރޭގަނޑު 11:00 އަށް މިފްކޯގެ ރީޓެއިލް ފިހާރަތައް ހުޅިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ހިދުމަތް ދެމުންގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މި ނިންމުން ނިންމާފައިވަނީ، ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ހާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއްދޭ ދުވަހަކަށްވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން، ކޮންމެ ހުކުރު ދުވަހަކަށް ހާއްސަކޮށް ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ރޭވިފައިވާކަމަށް ވެސް މިފްކޯއިން ބުނެއެވެ.
އަދި މި ބަދަލާއި ގުޅިގެން، ރަސްމީ ދުވަސްދުވަހު ވަޒީފާގައި އުޅޭ މީހުންނަށް ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހުކުރު ދުވަހަކީ، ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށްވުމުން، މި ނިންމުމުގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަ ވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން އަންނަނީ ރައްޔިތުންނަށް ފަސޭހައިން އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ދާދި ފަހުން ވަނީ، މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވާފައެވެ.