Ads by Farudhun

ޚަބަރު

ވިލުންވެށި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފި

ވިލުންވެށި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފި

ދަނޑުވެރިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 އޯގަސްޓު 2026، 12:31

01 އޯގަސްޓު 2026، 12:31

ވިލުންވެށި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ މަގްސަދުގައި މިދިޔަ ޖޫން މަހު އިފްތިތާހިކޮށްފައިވާ ޕްރޮގްރާމެކެވެ. 

މި ގްރާންޓުން، އަމިއްލަ ފަރާތްތަކާއި،  މެދު ފަންތީގެ ވިޔަފާރިތަކަށް  މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަޝްރޫއުގެ ދަށުން މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއުތަކަށް 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ  މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އީޖާދީ  ހިޔާލުތައް އަމަލީ ގޮތުން  ތަންފީޒުކުރުމަށް ހުރި މާލީ ހުރަސްތައް ނައްތާލާ،  އަމިއްލަ ފަރުދުންގެ ގާބިލިއްޔަތު އިތުރުކޮށް،  ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ  އޮންނަ ގައުމެއްގައި އަމިއްލަ މަސައްކަތުން ކާނާ އުފައްދައި، ތިމާވެއްޓާ ރައްޓެހި އުސޫލުތައް ކުރިއެރުވުމަކީ އަދުގެ ސަރުކާރުން ނުހަނު އިސްކަމެއްދެއްވާ ކަމެކެވެ. 



"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މި ގްރާންޓުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުފެއްދުންތެރިކަން އިތުރުކުރުމާއި، އުފެއްދުންތައް ބާޒާރަށް ނެރުމާއި މާކެޓްކުރުމުގެ އައު ގޮތްތައް ތައާރަފުކުރުމަށް ހިންގާ މަސައްކަތްތަކަށް ވެސް މި ގްރާންޓުގެ އެހީ ލިބޭނެއެވެ.

ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި  އަމިއްލަ ފަރާތްތަކާއި،  ކުދި ވިޔަފާރިތަކުގެ ބައިވެރިވުން އިތުރު ކުރުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، މިއީ އެ މަސައްކަތްތަކުގެ ތެރެއިން އިފްތިތާހުވެގެން ދިޔަ މުހިންމު ޕްރޮގްރާމެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450