ޚަބަރު
އުދައެރުމުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް
ރަށްތަކަށް ލިބުނު ގެއްލުމުގެ ތެރެއިން. ފޮޓޯ: އެންޑީއެމްއޭ
މިހާރު ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެއްލުންވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެގޮތުން، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގައި ހުރި ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން، ޖުމްލަ ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
އެ ހާދިސާއާއި ގުޅިގެން އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިހާރު ދަނީ ފޯރުކޮށްދެމުންކަން އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެހީތެރިކަމާއެކު ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަނެގަތުމުގެ މަސައްކަތްތައް ކުރެވެމުންދާކަން އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
އޭގެ އިތުރުން، ހުކުރު ދުވަހު ދ. ރިނބިދޫއަށާއި ލ. އިސްދޫއަށް ވަނީ އުދައިގެ އަސަރުކޮށްފައި ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން، އެ ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ އުދައިގެ އަސަރުކޮށްފައިވާ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައެވެ. ލ. އިސްދޫގައި އުދައިގެ އަސަރުކޮށްފައިވަނީ އެ ރަށުގެ ބަނދަރު ސަރަހައްދަށްކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް މި އޮތޯރިޓީއަށް ވަނީ ލިބިފައެވެ.
— NDMA Maldives (@NDMAmv) August 1, 2026
އެގޮތުން، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި،… pic.twitter.com/nYRgRnDvYw
މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން އެކި ކަހަލަ ހާދިސާތައް ހިނގަމުން އަންނަ އިރު، ކަމާބެހޭ ވުޒާރާތަކުން އަންނަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އެނޫން ވެސް ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.