ޚަބަރު
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި 117 ސިފައިން ދަސްވެނިވެއްޖެ
ސިފައިންގެ ވަނަ އަސާސީ ތަމްރީނު ކޯސް ނިންމި ސިފައިންގެ ދަސްވެނިވުން ފޮޓޯ:އެމްއެންޑީއެފް
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގި "73 ވަނަ އަސާސީ ތަމްރީނު ކޯސް" ފުރިހަމަކުރި ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ.
އެމްއެންޑީއެފް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމުގެ އިތުރުން، ކޯހުގެ އެކި މަރުޙަލާތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ފަހަރުގެ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ޝަރަފާއި، ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދު (ސނ. 9221) އެވެ. މީގެ އިތުރުން ހަށިހެޔޮކަމުގެ ވަނަ ޕްރައިވެޓް ރިފާ މުޙައްމަދު (ސނ. 8979) ހާސިލުކުރިއިރު، އަމާޒަށް ބަޑިޖެހުމުގެ ވަނަ ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢު (ސނ. 8973) އެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދު (ސނ. 9022) އެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަކަށް ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫން ހޮވުނުއިރު، އެކި ޕްލެޓޫންތަކުން އެއްވަނަ ހޯދި ދަރިވަރުންނަކީ ޕްރައިވެޓް މަރިޔަމް ޝާނީ، ޕްރައިވެޓް ރިފާ މުޙައްމަދު، ޕްރައިވެޓް އާނިމް މުޙައްމަދު އަދި ޕްރައިވެޓް އައިޝަތު ޝާމިޒް ޢަޒީޒެވެ.
މި ކޯހުން ޖުމްލަ 117 ދަރިވަރުން ދަސްވެނިވިއިރު، އޭގެ ތެރޭގައި 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުން ހިމެނެއެވެ. އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 7 އިން ފެށިގެން ކުރިއަށްގެންދިޔަ މި ތަމްރީނުތަކަކީ ސިފައިންގެ އަސާސީ އަޚްލާޤާއި، ހުނަރާއި، ޤައުމިއްޔަތުގެ ސިފަތައް އަލަށް ގުޅޭ ސިފައިންގެ ކިބައިގައި އަށަގަންނުވައި، ހަށިހެޔޮ ލަޝްކަރެއް ބިނާކުރުމުގެ މަޤްޞަދުގައި ހިންގުނު ކޯހެކެވެ.
ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާތަބުކުރައްވައި ދިފާޢީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ އަގުހުރި ޚިދުމަތާ ގުޅުނު އާ ޒުވާނުންނަށް މަރުޙަބާ ވިދާޅުވެ، ޤައުމީ ޚިދުމަތުގައި ސާބިތުވެ ތިބުމަށް އިރުޝާދު ދެއްވިއެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
މި އިޙްތިފާލުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ އިސް އޮފިސަރުންނާއި، މުދައްރިބުންގެ އިތުރުން ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.