ޚަބަރު
މަޖީދީމަގު ޖަންކްޝަނުން ނަޖިސް ބޭރުވަނީ، މާލެ ސިޓީ ކައުންސިލް ކޮބައިތޯ ؟
މަޖީދީމަގު ޖަންކްޝަނުން ނަޖިސް ބޭރުވަނީ ފޮޓޯ: ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގެ އެސްއެސް
މާލޭގެ އެންމެ ކާރުބާރު ބޮޑު މަގު ކަމަށްވާ މަޖީދީމަގުގެ ޖަންކްޝަން ފުރިގެން ނަޖިސް ބޭރުވަމުންދާ މައްސަލައެއް ފެންމަތިވެ، އާންމުންގެ ފާޑުކިޔުން މާލެ ސިޓީ ކައުންސިލަށް އަމާޒުވެއްޖެއެވެ.
މަޖީދީމަގުގައި ހުންނަ ލެކިއުޓް އަދި ޑިލައިޓް ފިހާރަ ކައިރީގައި ހުރި ޖަންކްޝަނަކުން ނަޖިސް ބޭރުވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ޖަންކްޝަން ފުރިގެން ބޭރުވާ ނަޖިސްތައް ވަނީ މަގުމަތީގައި ހެދިފައިވާ ފެންގަނޑާ އެކުވެފައެވެ.
އެ ސަރަހައްދުން ދަތުރުކުރާ އާންމުން ބުނާ ގޮތުގައި، އެ ހިސާބުގައި ވަރަށް ބޮޑަށް ނުބައި ވަސް ހިފާފައި ހުރިއިރު، ވިއްސާރައިގެ ސަބަބުން މަގުމަތީގައި ހެދިފައިވާ ފެންގަނޑުގެ ތެރެއަށް "ބްރައުން" ކުލައިގެ ނަޖިސް އެކުވެފައިވާކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އިންތިހާއަށް ނުރައްކާތެރި ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
މަޖީދީމަގަކީ އަބަދުވެސް އުޅަނދުފަހަރު ގިނަ މަގަކަށް ވުމާއެކު، ބާރުމިނުގައި ދުއްވާފައިދާ އުޅަނދުފަހަރުން ބުރާ މި ނަޖިސް ފެންގަނޑުގެ އަސަރު މަގުމަތިން ހިނގާފައިދާ މީހުންނަށް ވެސް ދަނީ ކުރަމުންނެވެ.
"ހިނގާފައި ދާއިރު ގަޔަށް މި ފެން ބުރަނީ. މިއީ ކިހާ ނުރައްކާތެރި ކަމެއް. ސިޓީ ކައުންސިލުން މިކަންކަން ބަލަނީ ކިހިނެއްތޯ؟" ސޯޝަލް މީޑިއާގައި މީހަކު ސުވާލުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މާލޭގެ މަގުތަކުގެ ސާފުތާހިރުކަމާއި ޖަންކްޝަންތައް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއަކަށް ވާއިރު، މިފަދަ ނަޖިސް ބޭރުވާ މައްސަލަތައް އަވަހަށް ހައްލުނުވުމަކީ ބަލިމަޑުކަން ފެތުރުމުގެ ބިރު އޮތް ކަމެކެވެ.