ޚަބަރު
ޕީއެންސީގެ ޔޫތު ވިންގުގެ ރައީސްކަމަށް އަބާން ކުރިމަތިލައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އިބްރާހީމް އަބާން ޢަބްދުއްލަޠީފު ފޮޓޯ: އެކްސް/އަބާން
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޒުވާނުންގެ ގޮފި ނުވަތަ ޔޫތު ވިންގުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަޠީފު ނިންމަވައިފިއެވެ.
އަބާން މިކަން އިޢުލާން ކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާއެކު، ކޮންގްރެސް ޕާޓީގެ ޔޫތު ވިންގުގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި، މިކަމުގައި ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެންބަރުންގެ ތާޢީދަށް އެދޭ ކަމަށެވެ.
އުމުރުން 23 އަހަރުގެ އަބާން އަކީ މިހާރުވެސް ޕީއެންސީ ޔޫތު ވިންގުގެ މެންބަރެއްގެ އިތުރުން، ތ. ގާދިއްފުށީ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ ރައީސްވެސް މެއެވެ. މީގެ ކުރިން އަބާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު، އެ ކައުންސިލުގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް އޮފިސަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް މުޢިއްޒުގެ އަރިހުގައި ވަރަށް އިސްކޮށް ފެނިގެންދިޔަ އަބާން މީގެ ކުރިން މީޑިއާއަށް ވިދާޅުވެފައިވަނީ، އޭނާގެ އުމުރުން 18 އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަނިކުފާނާ އެކު ދެމިހުންނަވާނެ ކަމަށެވެ.
ޒުވާން އުމުރުގައި ރައީސް އޮފީހުގެ އިސް މަޤާމަކަށް އޭނާ އައްޔަން ކުރެއްވުމަކީ ރައީސް މުޢިއްޒު ޒުވާނުންނަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް އަބާން ވިދާޅުވެފައިވެއެވެ. ޕީއެންސީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.