ޚަބަރު
ޕީއެންސީގެ ނައިބު ރައީސްކަމަށް މަޖިލިސް މެންބަރު ސައުދާ ވާދަކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ ފޮޓޯ: މަޖިލިސް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ ވާދަކުރައްވާނެކަން މިއަދު އިޢުލާނު ކުރައްވައިފިއެވެ.
މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސައުދާ ވިދާޅުވީ، މާތްاللهގެ ވާގިފުޅާއެކު ކުރިއަށްއޮތް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުން އިންތިޚާބުކުރާ ނައިބު ރައީސުންގެ މަޤާމަށް ކުރިމަތިލުމަށް ޤަސްތުކުރައްވާ ކަމަށެވެ. އަދި މި އިންތިޚާބުގައި ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާއީދަށް ވަނީ އެދިވަޑައިގެންފައެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެމްބަރު މަހުއެވެ. މި އިންތިޚާބުގައި ސައުދާގެ އިތުރުން އިތުރު ތިން ބޭފުޅަކު ވާދަކުރައްވާނެކަން މިހާތަނަށް ވަނީ ހާމަކުރައްވާފައެވެ. އެ ބޭފުޅުންނަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު، އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އެވެ.
ފާޠިމަތު ސައުދާއަކީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މެންބަރެވެ. މަޖިލިސް މެންބަރުކަމުގެ އިތުރުން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އެކި މަސައްކަތްތަކުގައި ސައުދާ އަންނަނީ ވަރަށް މުހިއްމު އަދި އިސް ދައުރެއް އަދާކުރައްވަމުންނެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަށް ތައްޔާރުވަމުންދާއިރު، އެ ޕާޓީގެ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ޕާޓީގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.