ޚަބަރު
ތުއްތު ކުދިންނަށް ދެވޭ ސިއްހީ ހިދުމަތް ފުޅާކުރުމަށް މުހިންމު ކުރިއެރުންތަކެއް ވަނީ ލިބިފައި: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއަޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު--
ތުއްތު ކުދިންނަށް ދެވޭ ސިއްހީ ހިދުމަތް ފުޅާކުރުމަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަން ރައީސުލްޖުމްހޫރިއަޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިގޮތަށް ވިދާޅުވީ، ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާގެ މުނާސަބަތުގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި މެޑަމް ވިދާޅުވީ، މި ދުވަހުގެ މުނާސަބަތުގައި ގައުމުގެ ހިތް ކަމުގައިވާ މަންމައިންގެ މުހިންމުކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ގާތުން ކިރުދޭ މައިން ކުރައްވަމުންދާ ލޮބުވެތި މަސައްކަތް ވެސް ފާހަގަކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ގާތުން ކިރުދިނުމުގެ ސަބަބުން ތުއްތު ކުއްޖާއަށް ލިބިގެންދަނީ ހަމައެކަނި އެކުއްޖާއަށް ބޭނުންވާ ކާނާ ނޫންކަން މެޑަމް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އެ ކުއްޖާއަށް ރައްކާތެރިކަން ލިބި، ކުއްޖާގެ ދިފާއީ ނިޒާމު ވެސް ވަރުގަދަވެގެންދާ ކަމަށް މެޑަމް ވިދާޅުވިއެވެ. އަދި އެ ކުދިންނަށް ލޯތްބާއި އަޅާލުން އިހުސާސްވެގެންދާ ކަމަށާއި، ގާތުން ކިރުލިބުމުގެ ސަބަބުން، ދިގު މުއްދަތަކަށް އޭގެ ސިއްހީ ފައިދާތައް ވެސް ތުއްތު ކުދިންނަށް ލިބިގެންދާކަން މެޑަމް ފާހަގަކުރެއްވިއެވެ.
As we mark World Breastfeeding Week, I would like to address the heart of our nation. Our mothers.
— First Lady Sajidha Mohamed (@sajidhaamohamed) August 2, 2026
Every feed, every late night, and every moment of dedication is an act of love. Breastfeeding is far more than nutrition. It is your baby’s very first shield, building strong… pic.twitter.com/uLj0gqqoHn
ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ ގާތުންދޭ މައިންނަށް ލުއިވާނެ ފަދަ ގިނަ ކުރިއެރުންތަކެއް ހޯދާފައި ކަން މެޑަމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން މައިންނަށް މުސާރައިން އުނިނުވާ ގޮތަށް ބްރޭކް ނެގޭ ގޮތަށް ހަދާފައިވާ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ، ތުއްތު ކުދިންނަށް ދެވޭ ސިއްހީ ހިދުމަތް ފުޅާކުރުމަށް ވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކޮށްފައެވެ.
އަދި ސަރުކާރުން މައިންނަށް ލުއިކުރުމުގެ ގޮތުން ފަހިކޮށްދެއްވާފައިވާ ފުރުސަތުތަކުގެ ބޭނުން ކުރެއްވުން މުހިންމުކަން މެޑަމް ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ކުދިން ހެދި ބޮޑުވާއިރު، ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގު ފަހިވެގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 1 އިން 7 އަށް ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާ ފާހަގަކުރެދިގެންދާއިރު، މިއީ ގާތުން ކިރު ދިނުމަށް މައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ.