ޚަބަރު
"މޯލްޑިވްސް ޕާލް ރެސިޑެންސް" އަކީ ރާއްޖެއަށް ފައިދާކުރާނެ ޕްރޮގްރާމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ
ރާއްޖޭގައި އިންވެސްޓްކޮށްގެން ދިގު މުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ "ދަ މޯލްޑިވްސް ޕާލް ރެސިޑެންސް" ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭނެ އާ ބާވަތެއްގެ ވިޔަފާރީގެ ފުރުސަތެއް ކަމަށެވެ. އަދި މިފަދަ ރެސިޑެންސީ ޕްރޮގްރާމެއްގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިއެރުން ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވި އިންވެސްޓާ ފޯރަމްގެ ތެރެއިން އިއުލާނުކުރެވުނު މަޝްރޫއެކެވެ. މި މަޝްރޫއު ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާއެވެ.
ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، މި ޕްރޮގްރާމް ހުއްޓުވުމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި މިއީ ގައުމަށް ފައިދާހުރި މަސައްކަތެކެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ، "އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް" ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މިއީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު އިސްނެގުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދަ މޯލްޑިވްސް ޕާލް ރެސިޑެންސް" ޕްރޮގްރާމަކީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް، ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ ޚާއްސަ ވިސާގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މީގެ ސަބަބުން ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވެ، އިގްތިސާދީ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.